މަސްތުގެ ދުނިޔެއާއި އެ ދުނިޔޭގެ ވަށައިގެން އެބުރޭ ކޮންމެ މީހަކީވެސް ދެ ދުނިޔޭގެ އަބާޖަވެރިކަމާއި ދިމާއަށް ދަތުރުކުރާ މީހަކަށް ނޫނީ ނުވާނެއެވެ. ތިމާގެ އަމިއްލަ ނަފްސާއި އާއިލާއާއި ލޯބިވާ އެތައް ބަޔަކު ހިތްދަތިކަމެއްގެ ތެރެއަށް ދޫކޮށްލަނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އެހެންނަމަވެސް ވަރުގަދަ އަޒުމަކާއެކު އެކަމުން ސަލާމަތްވެ ދެ ދުނިޔެ ހޯދުމަށް މަސައްކަތްކުރާ މީހަކީ ނަސީބުވެރިއެކެވެ. މިއީވެސް އެފަދަ ހިތްވަރުގަދަ ފަރާތެކެވެ.

ސ.މަރަދޫފޭދޫއަށް އުފަން މުހައްމަދު އަހްމަދު އަކީ އުމުރުން އެންމެ 16 އަހަރުގައި މަސްތުވާތަކެތީގެ ދުނިޔެއަށް ވަދެވުނު މީހެކެވެ. ފުރާވަރުގެ ދުވަސްތަކުގައި އެކުވެރިންނާއި އެކު ޖެހި ސަކަރާތާއި ކުރި މަޖަލުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރަން ފެށި މުހައްމަދު ނުވަތަ ރައްޓެހިންގެ ނަމުން ނަމަ ބޭބީ އަށް އެކަމަށް ދެވިހިފީ އޭނާއަށް ނުވެސް އެގި ހުއްޓައެވެ. އެއީ ކިހާވަރުގެ ކަމެއްކަން ނޭގި ފެށި ކަމުގެ އާހިރު ނަތީޖާއަކަށްވެގެން ދިޔައީ މަގު އޮޅި ގޯސް ރައްޓެހިންނާއި އެކު އުޅެން ފެށުމެވެ. މަސްތުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަޖުބޫރުވެ ދުވަހަކުވެސް ހިތަށް ނާރާފަދަ އެތައް ކަމެއް އޭނާ ކުރިއެވެ. މުޅި އާއިލާ އާއި ހެޔޮއެދޭ އެތެއް ފަރާތެއް ރޮއްވާލިއެވެ. އޭރު އޭނާގެ ސިކުނޑީގައި ހަރުދަނާ ހެޔޮލަފާ އިންސާނެއްގެ ގޮތުގައި އުޅުމުގެ އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. އަދި އޭރު އޭނާ ދަންނަ ކޮންމެ މީހަކުވެސް ބުނަމުން ދިޔައީ ދެން މިކަމުން އޭނާއަށް ސަލާމަތް ނުވެވޭނެކަމަށެވެ.

މުހައްމަދު، ޓީމުގެ ކުޅުންތެރިންނާއެކު

މުހައްމަދުގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ އާއިލާ ބަޔަކާއެކު މާމިގިއްޔަށް ކުރި ދަތުރުންނެވެ. އޭރުވެސް އޭނާއަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހެކެވެ. އެހެންނަމަވެސް އޭނާ އެކަމުން ސަލާމަތްކޮށްދިނުމަށް އޭރު އަތުކުރި އޮޅާލީ މާމިގިލިން ލިބުނު ރައްޓެހިންނެވެ. މިހާރުވެސް އޭނާގެ ހަޔާތުގެ އެންމެ މުހިއްމު އެއް ހިއްސާކަމުގައިވާ އެ ރައްޓެހިން އޭނާއަށް ދައްކައި ދިނީ އެކަމުން ސަލާމަތްވުމުގެ މަގެވެ. އެ ހެޔޮމަގާއެކު މުހައްމަދުގެ އަޒުމުވެސް ވަރުގަދައެވެ.

މަސްތުގެ ދުނިޔެއިން ސަލާމަތްވުމަށް މުހައްމަދު މަސައްކަތް ފެށިއިރު އެކަމުގެ ވޭން އިންތިހާއެވެ. އެކަމަށް ދެވިހިފާފައިވާ މިންވަރުން މުހައްމަދުއަށް އެތައް ގޮންޖެހުމަކާއި ކުރިމަތިވިއެވެ. އެތައް ރެއެއްގެ ނިދިން މަހްރޫމްވިއެވެ. އެހެންނަމަވެސް މުހައްމަދު ބޭނުންވީ ރަނގަޅު މަގު އިހްތިޔާރުކުރާށެވެ. ރައްޓެހިން ބޭނުންވީ މުހައްމަދު ރަނގަޅު މަގަށް ގެންނަށެވެ.

"ހުއްޓާލީ އަމިއްލައަށް ބޭނުންވެގެން. އެއްވެސް މީހަކު މަޖުބޫރުކޮށްގެން ހުއްޓޭނެ ކަމެއް ނޫންމިއީ. މިކަން ހުއްޓާލަން ބޭނުން ވަނީ ވަރުގަދަ އަޒުމާއި ހިތްވަރު. ހުއްޓާލުމަށް އެއްވެސް ބޭހެއް ނުކަން. ގައިގައި އެޅި ވޭނައް އަމިއްލައަށް ކެތްކުރީ. މިހާރު 14 އަހަރު މިވީ އެއްވެސް މަސްތުވާއެއްޗެއް ބޭންން ނުކުރާތާ. " މުހައްމަދު ބުންޏެވެ.

މިހާރު މުހައްމަދު އަކީ ޒިންމާދާރު ވަޒީފާއެއްގައި އުޅެމުން އަންނަ ހަރުދަނާ ޒުވާނެކެވެ. މުޖްތަމައު ބަލައިގެންފައިވާ ނަމޫނާއެކެވެ. އަބަދުވެސް ކުޅިވަރަށް މޮޅު މުހައްމަދުއަކީ މިހާރު އައްޑޫ ސިޓީގައި ކޮންމެ މުބާރާތެއް ކުޅުނަސް ފެންނަ މޫނެކެވެ. އައްޑޫ ސިޓީ ހިތަދޫ މައިލޯ ސިޓީގެ މުހިއްމު މެންބަރެކެވެ. ފުޓްބޯޅައާއި ވޮލީދަނޑުތަކުގައި މަޝްހޫރު ނަމަކެވެ. އޭނާގެ ސަކަ މިޒާޖާ، އެންމެންނާއި ބާއްވާ ގާތްގުޅުމުގެ ސަބަބުން އެންމެންގެ ލޯބި ހަދާފައިވާ މީހެކެވެ. އައްޑޫ ސިޓީގައި މިހާތަނަށް ބޭއްވުނު ފުޓްސަލް އަދި ފުޓްބޯޅަ މުބާރާތުގައިވެސް މުހައްމަދު ނުފެންނަ ފަހަރެއް މަދުވާނެއެވެ. އައްޑޫގައި ކުޅޭ ބޮޑެތި މުބާރާތްތަކުގައި މުހައްމަދު ނުކުޅޭ ފަހަރެއް ނުދެއެވެ.

އަމިއްލަ ހިތްވަރާއި މަސައްކަތުން އަދި ލިބުނު ރަނގަޅު ރައްޓެހިންގެ ސަބަބުން މިއަދު ދިރިއުޅުމަށް އައިސްފައިވާ ހެޔޮ ބަދަލު މުހައްމަދު ބަލައިގަންނަނީ އުފަލާއެކުގައެވެ. މުހައްމަދުގެ ވިސްނުން ވަރަށް ސާފެވެ. އަމިއްލައަށް ސަލާމަތުގެ އައްސޭރި ހޯދަން މަސައްކަތްކުރާނަމަ ކިތަންމެ ގިނަ ގޮންޖެހުންތަކެއް ދިމާވި ނަމަވެސް އެ އައްސޭރި އަތުޖެހޭނެއެވެ. ބޭނުންވަނީ ހިތްވަރާއި ކެރުމެވެ. ނުގުޑާނެ ފަދަ އަޒުމަކާ އީމާންތެރިކަމެވެ. މިއަދު މުހައްމަދު އަކީ އާއިލާއާއި ރައްޓެހިންގެ އިތުރުން މުޅި މަރަދޫފޭދޫއަށްވެސް ނަމޫނާއެވެ. ކުޅިވަރުގެ ދަނޑުތަކުން ސަޕޯޓަރުންނާއި ޓީމްތަކުގެ ލޯބި ހޯދާފައިވާ ކުޅުންތެރިއެވެ.