އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް ހުޅުވައިފިއެވެ.

މި ފާލަން ހުޅުވައިދެއްވާފައިވަނީ މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އެވެ. މި ފާލަން އަލުން ހުޅުވާފައިވަނީ ދިވެހިންގެ ގައުމިއްޔަތާއި ސަގާފަތާއި ދިވެހި ވަންތަކަން ދައްކުވައި ދޭގޮތަށް ތަރައްގީ ކުރުމަށްފަހުކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.

އެގޮތުން ފާލަން ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ރިއާޔަތްކޮށްގެންކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަހައްދުކަން ފާހަގަކުރައްވާފައެވެ. އެއާއެކު ރައީސް ވިދާޅުވީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރައްވާނެ ކަމަށެވެ. މީގެއިތުރުން އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭގެ އިމާރާތާ ހަމައަށް މަގު ތަރައްގީކުރުމުގެ މަސައްކަތް ރޯދަމަސް ނިމުމުގެ ކުރިން އެމްޓީސީސީ އިން ފަށާނޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިއްޒުއްދީން ފާލަން ތަރައްގީކުރުމުގެ މަޝްރޫއަކީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު 11 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެެވެ.