ދިރިއުޅުމުގައި އާމްދަނީ ހޯދުމަށް އެކި މީހުން ކޮށް އުޅެނީ އެކި މަސައްކަތެވެ. އެއްބަޔަކު އެމީހުން ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށް ދިއުމަށް ތަފާތު ކޯސްތަކާއި ޓްރެއިނިންތައް ހަދާއިރު އަނެއް ބަޔަކު އާމްދަނީ ހޯދުމަށް މިއަދު ކުރާ މަސައްކަތް ފެށިފައިވަނީ ދިމާވި ކޮންމެވެސް ހާދިސާއަކާއެވެ.

އެގޮތުން މިކިޔައިދެނީ ބ. ތުޅާދޫ އަށް އުފަން އުމުރުން 36 އަހަރުގެ ހަމްނާ ހުސައިން ރަޝީދުގެ ވާހަކައެވެ. ހަމްނާ އަކީ މިއަދު އަތްތެރި ތަފާތު މަސައްކަތް ކުރާ ކުޅަދާނަ ފަހުލަވާނެކެވެ. ހަމްނާގެ ކްރާފްޓް އައިޓެމް ތަކުން ހައިރާން ނުވާ އެކަކުވެސް ތުޅާދޫގައި ނޫޅޭނެއެވެ. ހަމްނާގެ މި މަސައްކަތް ފެށުނުގޮތް ވަރަށް ތަފާތެވެ. ދަރިފުޅުގެ ޕާޓީއަކަށް ޖުވެލަރީ ސެޓެއް ހޯދަން ޖެހި، އެއް ކުލައިން ފަށަކާއި، އަތުގައި އަޅާ ކެވެލި އަދި ހެޑްބޭންޑެއް ހޯދަން މަސައްކަތް ކޮށް އެކަން ނާކާމިޔާބު ވުން ވެގެން ދިޔައީ ހަމްނާގެ މަސައްކަތުގެ ބިންގާ އެޅުނު ހިސާބަށެވެ.

ހަމްނާ ކިޔައިދިން ގޮތުގައި ހަމްނާއަކީ ކުރިންވެސް މިފަދަ ތަކެތި ހަދަން ދަންނަ މީހެކެވެ. އެކަމަށް އޭރު އެހާ ބޮޑު ވަގުތެއް ނުދެވި އޮތް ނަމަވެސް ދަރިފުޅުގެ ޕާޓީއަށް ބޭނުންވާ ތަކެތި ނުލިބުމާއެކު ދެން ވިސްނީ އަމިއްލަ އަށް އެތަކެތި ހަދާށެވެ. އެ ފަހަރު ހަމްނާ ހެދި އަތުގަ އަޅާ ކެވެލިކޮޅަށާއި ހެޑްބޭންޑަށް ލިބުން އާއިލާގެ ތައުރީފް ވެގެން ދިޔައީ މި މަސައްކަތައިގެން ކުރިއަށް ދިއުމަށް ހަމްނާއަށް ލިބިގެން ދިޔަ ހިތްވަރަށެވެ.

ހަމްނާ ހަދާފައިވާ ޖުވެލަރީ ސެޓަކާއި ކީ ޓެގުތަކެއް / ފޮޓޯ: ހަމްނާ

ފުރަތަމަ ބޮކޭ އެއް ހެދީ ކޮއްކޮ ވެޑިންއަށް

ކޮއްކޮގެ ވެޑިންއަށް ހަމްނާ ހެދި ބޮކޭ ޕޭޖުގައި ހިއްސާ ކުރުމާއެކު އެއަށް ގިނަ ބައެއްގެ ފަރާތުން ތަރުހީބު ލިބިގެން ދިއައެވެ. އެއާއެކު ހަމްނާ ވެޑިން ތަކަށް ބޮކޭވެސް ހަދައިދޭން ފެށިއެވެ. ގިނަ ބައެއްގެ އޯޑާތައް ލިބެން ފެށީ އެހިސާބުންނެވެ. އެއާއެކު ހަމްނާ ދެން ވިސްނީ މި މަސައްކަތް އިތުރަށް ފުޅާކުރުމަށެވެ.

ހަމްނާގެ އިންސްޓަގްރާމް ޕޭޖު "ފަހޫ ކަލެކްޝަން" އަކީ މިއަދު ތަފާތު އެކި ކްރާފްޓް އައިޓެމްސް ލިބޭ ޕޭޖެކެވެ. ހަމްނާ ހަދާ ތަކެތީގެ ތެރޭގައި އެކި ހަފްލާތަކަށް ޖުވެލަރީ ސެޓް (އަތުގައި އަޅާ ކެވެލި، ފަށް، ހެޑްބޭންޑް، ބީޑް ކްރައުން، ފްލާވާ ކްރައުން)، ވެޑިން ބޮކޭ، މެޓާނިޓީ ސޭޝް، ޓޯޓް ބޭގް، ތަފާތު ޑިޒައިންތަކުގެ ކީޗެއިން އާއި ބުކްމާކްގެ އިތުރުން ބޭގް ޓެގްސް އާއި ތަފާތު ނޯޓު ފޮތް ހިމެނެއެވެ. މީގެއިތުރުންވެސް އެކި ފަރާތްތަކުގެ އޯޑަރަށް ތަކެތި ކަސްޓަމައިޒް ކޮށްދީވެސް ހަދައެވެ.

ހަމްނާ ހަދާފައިވާ ވެޑިން ބޮކޭއެއް / ފޮޓޯ: ހަމްނާ

ހަމްނާ ކިޔައިދިން ގޮތުގައި މިފަދަ މަސައްކަތް ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިކަމެވެ. ހާއްސަކޮށް ލިބޭ އެއްޗެހި އަގުބޮޑުކަމަށާއި މާލެ އިން ބޭނުންވާ ތަކެތި ހޯދުމަށްވެސް ދަތިވާ ކަމަށް ހަމްނާ ބުންޏެވެ.

އެއްޗެހި މާލެއިން ހޯދަން އުނދަގޫ. ލިބޭ އެއްޗެހި އަގުބޮޑުވީމަ ހަދާ އެއްޗެހީގެ އަގު ބޮޑުވެގެން ދޭ. މިސާލަކަށް ބޭރުން އާޓް ރެޒިން އަޅުގަނޑުމެން ގެންނަން ބެލީމަ އަގު ވަރަށް ހެޔޮވޭ. ނަމަވެސް ބޭރުން އެއްޗެހި ގެނެސް ދޭ ފަރާތްތަކުންވެސް ގެނެސް ނުދޭ، ސަބަބަކަށް ވިދާޅުވަނީ ކްލިއާ ކުރުމުގަ އެބޭފުޅުންނަށް ވަރަށް ދަތިތަކާ ދިމާވާ ކަމަށް
ހަމްނާ

ހަމްނާ އަށް ލިބޭ ތަފާތު އޯޑަރުތައް ނެގުމާއި އެތަކެތި ޑެލިވަރީ ކޮށްދިނުމުގައި ހަމްނާގެ ފިރިމީހާގެ އެހީތެރިކަން ހަމްނާ ފާހަގަކުރެއެވެ. ހަމްނާ ކިޔައިދިން ގޮތުގައި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ހަމްނާއަށް ނުދެވިއްޖެނަމަ ފިރިމީހާގެ އިތުރުން މަންމަ އާއި ބައްޕަ އަދި ކޮއްކޮމެންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ.

ރޯދަމަހަށް ކުޑަކުދިންނަށް ހާއްސަކޮށްގެން "ރަމަޟާން މަސައްކަތު ފޮތެއް"

ރޯދަމަސް ފަދަ މަތިވެރި މައްސަރެއްގައި އަޅުކަމުގެ އެކި ކަންކަމާއި އިސްލާމް ދީނުގެ ކަންކަން ކުޑަކުދިންނަށް އުނގަންނައިދިނުމަކީ މުހިންމު ކަމެކެވެ. މިފަދަ މައްސަރެއްގައި މިކަންކަމަށް ކުޑަކުދިން ލޯބި ޖެއްސުމަށް ހަމްނާ ތައްޔާރު ކުރީ އެ ކުދިންނަށް ހާއްސަކޮށްގެން ރަމަޟާން މަސައްކަތު ފޮތެކެވެ. މި ފޮތުގައިވާ ހުރިހާ ހަރަކާތްތަކަކީވެސް ހަމްނާ އަމިއްލައަށް ތައްޔާރުކޮށްފައިވާ ހަރަކާތްތަކަކަށްވާއިރު ފޮތް ޕްރިންޓުވެސް ކޮށްފައިވަނީ އަމިއްލައަށެވެ.

އަސްލު މިފޮތަކީވެސް ފުރަތަމަ ދަރިފުޅަށް ތައްޔާރުކޮށްލި ފޮތެއް. މި ފޮތް ޕޭޖަށް ލުމާއެކު އަލްހަމްދުލިއްލާހި ގިނަ އޯޑަރުތަކެއް ލިބެން ފެށި.
ހަމްނާ

މި އަތްތެރި ކްރާފްޓް މަސައްކަތުގެ އިތުރުން ހަމްނާއަކީ ހުނަރުވެރި ގުރުއާން މުދައްރިސެއްވެސް މެއެވެ. އެހެންކަމުން މިފަދަ ފޮތެއް ތައްޔާރުކުރުމަކީ ހަމްނާއަށް މާ އުނދަގޫ ކަމެއް ނޫނެވެ. މި ފޮތް ހަމްނާގެ އިންސްޓަގްރާމް ޕޭޖުން މިހާރު ލިބެން ހުރިއިރު ހަމްނާ ކިޔައިދިން ގޮތުގައި ފުރަތަމަ ޕޭޖަށް ލުމާއެކުވެސް ގިނަ އަދަދެއްގެ ބަޔަކަށް މި ފޮތް ކަމުދިޔައެވެ. އެއާއެކު މިހާރު ވަނީ މި ފޮތުގެ ގިނަ ޕްރިންޓުތަކެއް ނަގާފައެވެ. ކޮންމެ ފޮތެއްގެވެސް ކަވަ ޕޭޖު ހަމްނާ ޑިޒައިން ކޮށްފައިވަނީ އެ ފޮތެއް ގަންނަ ކުއްޖެއްގެ ނަމުންނެވެ. މިކަމުގެ ސަބަބުން އެ ފޮތާމެދު ކުދިންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ހަމްނާ ގަބޫލުކުރެއެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ހަމްނާ ތައްޔާރުކޮށްފައިވާ ރަމަޟާން މަސައްކަތު ފޮތްތަކެއް / ފޮޓޯ: ހަމްނާ

ހަމްނާ މާލެ އައީ ޓީޗިން ކޯސް ހެދުމަށެވެ. އެޑްވާންސް ޓީޗިން ނިންމުމަށްފަހު ރަށަށް ބަދަލުވެ ޑިޕްލޮމާ ހެދުމަށްޓަކައި އަނެއްކާ މާލެ އަންނަން ޖެހުނެއެވެ. އޭރުވެސް މި މަސައްކަތް ކުރަމުންގެންދާ ހަމްނާ އަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔައީ ރަށަށް ބަދަލުވި ދުވަސްކޮޅު އޯޑަރުތައް އެކި ތަންތަނަށް ޑެލިވާ ކުރުމެވެ.

ހަމްނާ ކިޔައިދިން ގޮތުގައި ހަމްނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނީ ޕޯސްޓް ގްރެޖުއޭޓް ހަދަމުން ދަނިކޮށެވެ. ނަމަވެސް 2 އަހަރުން ފެށިގެން ދަރިފުޅުގެ ތައިރޮއިޑް މައްސަލަ ހުންނަ ކަން އިނގުމާއެކު ކޮންމެ 6 މަހަކުން އެއްފަހަރު ޗެކަޕަށް މާލެ އަންނަން ޖެހުނެވެ. ހަމްނާގެ ދިރިއުޅުން ބަނަވީ ޗެކަޕަކުން ދަރިފުޅު އޭޑީއެޗްޑީއަށް ޑައިގްނޯސްވެފައިވާކަން އިނގުނު ހިސާބުންނެވެ. ނަމަވެސް ވަގުތުން ފަރުވާ ފަށައިފިނަމަ ދެތިން އަހަރު ތެރޭ ދަރިފުޅު ރަނގަޅުވާނެ ކަމުގެ އުންމީދު ޑޮކްޓަރުން ދެއްވުމާއެކު މާލެ ބަދަލުވިއެވެ. ދަރިފުޅުގެ މި ފަރުވާ ރަށުން ދެވެން ނެތުމާއެކު މިހާރު ހަމްނާ ދިރިއުޅުން ވަނީ ހުޅުމާލެ ބަދަލުކޮށްފައެވެ.

މިވަގުތު ދަރިފުޅަށް ވަގުތު ދޭން ބޭނުންވާތީ ސުކޫލަކަށް ޖޮއިން ކުރަން ނުވިސްނާ ގޭގައި ކިޔަވައިދޭން ފެށީ. މާލޭގައި އުޅޭއިރު ދަރިފުޅުގެ ފަރުވާއަށް ސަރުކާރުން ބައެއް ދިނަސް އަތުންވެސް ހަރަދު ކުރަން ޖެހޭތީ އާއެކު މި މަސައްކަތް ފުޅާކުރަން އަސްލު ވިސްނީ
ހަމްނާ

ހަމްނާ ވަޒީފާއިން ވަކިވެ އަމިއްލަ އަށް އޮންލައިން ކޮށް ގޭގައި ކުދިންނަށް ގުރުއާން ކިޔަވައިދޭން ފެށީ އާއިލާއަށާއި ދަރިއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އަދި ހަމްނާ ކުރަމުންދާ މި އަތްތެރި ކްރާފްޓް މަސައްކަތުގެ ޒަރީއާއިން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް އޭނާ ފާހަގަކުރެއެވެ.

ހަމްނާ ހަދާފައިވާ ހެޑްބޭންޑުތަކަކާއި ތަސްބީހަފަތި ތަކެއް / ފޮޓޯ: ހަމްނާ

ހަމްނާގެ އިތުރުންވެސް މިފަދަ ތަފާތު ހުނަރުވެރި މަސައްކަތް ކުރާ ދިވެހިން ގިނައެވެ. ހަމްނާގެ އުންމީދު ގުޅިފައިވަނީ ދިވެހިން އުފައްދާ މިފަދަ ތަކެއްޗަށް ރަނގަޅު މާކެޓެއް ލިބި މަސައްކަތަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމާއެވެ.