ރޭ ކ. ވައްމާފުށި ކައިރިން ބަންޑުން ޖަހާލި ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މާލެއިން ފުރައިގެން ކ. މާފުށްޓަށް ދަތުރު ކުރަމުން ދަނިކޮށް "ނަފާ" ނަމަކަށް ކިޔާ ދޯނި ރޭ ބަންޑުންޖަހާލާފައި ވަނީ ވައްމާފުށީގެ އުތުރުން 0.33 ނޯޓިކަލް މޭލު ބޭރުންނެވެ. ރޭ މި ދޯނި ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ، ރޭ ބަންޑުން ޖަހާލި "ނަފާ" ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުން ކަމަށެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދޯނި ފެނިފައި ނުވާ ކަމަށާއި ނަމަވެސް ދޯނީގެ ސާމާނު ކަމަށް ލަފާކުރެވޭ ބައެއް ތަކެތި ކަނޑުމަތިން ދަނީ ފެންނަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލުމާތު ދެއްވަމުން އެމްއެންޑިއެފްގެ އޮފިޝަލަކު ވިދާޅުވީ، މި ދޯނީގައި ދަތުރު ކުރީ ތިން މީހުން ކަމަށާއި ދޯނި ބަނޑުން ޖަހާލި ވަގުތު އެ ތިން މީހުން ފަތާފައި ގޮސް އެރީ މާފުށީ ކުރިމަތީ އަޅާފައި އޮތް ސަފާރީއަކަށް ކަމަށެވެ. އެ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.