ދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެނބުރި މާލެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅު ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެއްޔަށް ވަޑައިގެން، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުވައްސަސާތަކުގެ ވެރިން އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
އަދި ރައްޔިތުން އެދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މުހިންމު ނިންމެވުންތަކެއް ނިންމެވުމަށްފަހު ވަނީ ބައެއް މަޝްރޫއުތައް ވަނީ އިއުލާންވެސް ކުރައްވާފައެވެ.
އެގޮތުން މި ދައުރުގެ ތެރޭގައި، އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ކުޑަހުވަދޫ ރައްޔިތުންނަށް ވަނީ ދެއްވާފައެވެ. އަދި ދ. މާއެނބޫދޫގައި ބިންހިއްކުމާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ތައުލީމާއި ސިއްހަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫއުތައް ކުރިއަށްގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ދ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ އަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މުޅި އަތޮޅުގެ އާންމު ރައްޔިތުންނަށް ދަތުރުގޮސް އުޅެވޭ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ހަމަޖައްސަވާފައިވާކަން އެމަނިކުފާނު އިޢުލާންކުރެއްވާފައިވަނީ މީދޫ ރައްޔިތުންނާ މުހާތަބުކުރައްވަމުންނެވެ. އަދި ލަސްވެގެން ޖުލައި މަހު ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ ގިނަ ރަށްތަކެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވާފައެވެ. މިއާއެކު ނިލަންދެއަތޮޅު ދެކުނުބުރި ވެފައި މިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރި ފުރަތަމަ އަތޮޅަށް ވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވާ ފަދައިން، މަސައްކަތް ފެށުމަށް ފަހު ހުއްޓިފައި ހުރި ހުރިހާ މަޝްރޫއެއް، ފެބްރުއަރީ މަހާއި މާރިޗު މަހު، އަލުން ފައްޓަވާނޭކަމަށް ވިދާޅުވާ ވިދާޅުވުން، ތަކުރާރުކުރައްވާފައެވެ.
ގެދޮރުވެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދުމަށް އިއުލާންކުރައްވާފައިވާ ހައުސިން ޔުނިޓު މަޝްރޫއުގައި ހިމަނުއްވައިގެން، އަމިއްލަ ގެދޮރުގައި ހައުސިން ޔުނިޓު އަޅަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަން އިއުލާންކުރައްވައި، އެގޮތަށް ހައުސިން ޔުނިޓް މަޝްރޫއުތައް މުރާޖައާކުރުމަށް ރަށު ކައުންސިލްތަކަށް ވަނީ އިރުޝާދު ދެއްވާފައެވެ.
އަދި މާލޭ ސަރަޙައްދުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން، 4000 ފްލެޓް ލިސްޓުގެ މައްސަލަ ހައްލުކުރައްވައި، މި ހަފުތާ ތެރޭ އިއުލާންކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅުއްވައި ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތާ މި ސަރުކާރުން ހަވާލުވެ، އެ މަސައްކަތުގެ ދުވެލި އަވަސްކުރައްވާނޭ ކަމަށާއި އުތުރު ތިލަފަޅުންވެސް، ގެދޮރުވެރިކަމަށް ހާއްސަކޮށް، 125 ހެކްޓަރު ހިއްކަވާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބުރާސްފަތި ދުވަހު، ފްލެޓް ލިސްޓު އިއުލާންކުރައްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް، މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން، އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެޕްރިލް 15 ވަނަ ދުވަހުން ފެށިގެން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސްފިހާރަތައް މެދުވެރިކޮށް ލިބޭނޭކަމަށް ވިދާޅުވެފައެވެ.
ރަމަޟާންމަހަށް ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު، އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.