ބޭންކް އޮފް މޯލްޑިވްސް އިން ދ. ބަނޑިދޫ އަދި އެ އަތޮޅު މާއެނބޫދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ގާއިމުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައު އޭޓީއެމް ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ރަށުގައި އައު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގާއިމްކުރުމަކީ ލިބޭ އުފަލެއްކަމަށެވެ.
މި ހިދުމަތާއެކު ރައްޔިތުންނަށް މިހާރު މުހިންމު މާލީ ހިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިން މުއާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.
މި ދެރަށުގައި ގާއިމުކުރެވުނު އޭޓީއެމްގެ ހިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސާވިސް ބޭންކިން ސެންޓަރު، 154 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައވެެ.