ވައިގެ މަގުން މިއަދު ފުވައްމުލަކަށް ދަތުރު ކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެމަޖެންސީކޮށް ލޭންޑްކޮށްފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ، ފްލައިޓަށް ދިމާވި ޓެކްނިކަލް އިޝޫއަކާ ގުޅިގެން ކްރޫއިންނާއި ޕައިލެޓުން ވަނީ ޕްރޮޓޮކޯލް އާ އެއްގޮތަށް ފުވައްމުލަކު އެއާޕޯޓަށް ލޭންޑްކޮށްފައި ކަމަށެވެ. މި ފްލައިޓަށް މި މައްސަލަ ދިމާވެފައި ވަނީ ވައިގެ މަގުން ދަތުރު ކުރަމުން ދަނިކޮށް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މި ފްލައިޓުގައި ޖުމްލަ 47 ފަސިންޖަރުންނާއި 4 ކްރޫން ދަތުރުކޮށްފައި ވެއެވެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ފްލައިޓަކީ ފުވައްމުލަކަށް ދަތުރު ކުރަމުން ދިޔަ ކިއު02124 ފްލައިޓް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.