ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލައިޒޭޝަން ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، މި ފެށޭ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިންގް ހިދުމަތެއް ލިބޭނެ ގޮތަށް ހެދުމަށް އެ ބޭންކުން ނިންމައިފިއެވެ.

އެގޮތުން މިހާރެކޭ އެއްފަދައިން ކޮންމެ ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޗެނަލް ތަކުން ތީރިގައިވާ ހިދުމަތްތައް ލިބެމުންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

  • ފައިސާ ޖަމާކުރުމާއި ނެގުން
  • ފައިސާ ޓްރާންސްފަރ ކުރުން
  • ލޯނާއ،ި ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން
  • މުދާގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުންރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން
  • ލުއި ލޯނާއި ފައިނޭންސް ދޫކުރުންޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން
  • އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކްކުރުން
  • ޒަކާތް ދެއްކުން

އަދި ހަމައެހެނެމް މާޗު 2025 އިން ފެށިގެން ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފްކުރުމަށް ހަމަޖެހިފައިވާ އާ ހިދުމަތްތަކުގެ ތެރޭގައި:

  • އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން، މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓްވެސް އޮންލައިންކޮށް ހުޅުވޭނެ
  • ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން
  • ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން
  • ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން
  • ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ) ތެރެއިން 5 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން
  • ވިޔަފާރިތަކުން ނަގުދުފައިސާ ނެގުމަށް ޗެކުގެ ބަދަލުގައ،ި ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު 2 ލައްކަ ރުފިޔާއަށް އިތުރު ކުރުން

މީގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ތިރީގައިވާ ހިދުމަތްތަކަށް ވެސް ބަދަލު ގެނެއުމަށް ވަނީ ނިންމާފައެވެ. އެގޮތުން:

  • ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ހިދުމަތް ފެށުން މިގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް އަދި ޕިން ބަދަލުކުރެވޭނީ އިންޓަރނެޓް ބޭންކިންގ ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށް
  • ބޭންކުގެ ކާޑުތަކުނ،ް ބޭންކުގެ ޕީއޯއެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުން
  • މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތްފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ 1 ގަޑިއިރު ތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދިނުން
  • ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން
  • ކަސްޓަމަރުން ބޭންކާ މުއާމަލާތް ކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި. ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބާ އިން މެސެޖް ކުރެވޭނެ

މީގެ އިތުރުން ވެސް އެއްވެސް ސަބަބަކާހުރެ ކަސްޓަމަރަކު ބޭންކަށް ޒިޔާރަތްކުރަން ޖެހޭ ނަމަ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު (ބަންދު ދުވަސްތައް ފިޔަވައި) ބެންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށް ކަމަށް ވެއެވެ. 27 އަދި 29 މާޗް ފިޔަވައި ރަމަޟާން މަހު ފަހު 10 ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ހިދުމަތެއް ދިންކަމުގައި ވިޔަސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިލްތިމާސަކީ ގޭގައި ނުވަތަ އޮފީހުގައި ތިއްބަވައިގެން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭންކުގެ ހިދުމަތް ހޯދުން ކަމަށް އެ ބޭންކުން ބުނެއެވެ.