ކެފޭއަކަށް ގޮސް ކެއުމަށް ފަހު ބިލު ނުދައްކައިގެން އަނެއްކާވެސް ޔާސިން ރަޝީދު 10 ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު ބުރުޒުމަގުގައި ހުރި ކެފޭއަކުން ހިދުމަތް ހޯދުމަށް ފަހު ބިލު ނުދައްކައިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި، ހަނދުވަރުދޭގޭގެ އުމުރުން 23 އަހަރުގެ ޔާސިން ރަޝީދެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ވަނީ ބުނެފައެވެ.
ޔާސިން ރަޝީދަކީ މީގެކުރިންވެސް ކެފޭތަކަށް ގޮސް ކެއުމަށްފަހު ބިލު ނުދައްކައިގެން ހައްޔަރު ކުރި ފަރާތެކެވެ. އެގޮތުން މި މަހުގެ 5 ވަނަ ދުވަހުވެސް ވަނީ ކެފޭއަކަށް ގޮސް ކެއުމަށް ފަހު ބިލު ނުދެއްކައިގެން 10 ދުވަހަށް ބަންދުކޮށްފައެވެ.
އޭރު މި މައްސަލައިގައި ޔާސީން ވަނީ ކެފޭއިން ކެއި ކަމަށާއި ބިލް ނުދައްކާ ކަމަށް އެއްބަސްވެފައެވެ. އޭނާ ވަނީ ބިލު ދެއްކުމަށް ބޭބެއަށް ގުޅިކަމަށާއި، ނަމަވެސް ފަހުން ބޭބެގެ ފޯނު އޮތީ ނިވިފައިކަމަށް ބުނެފައި ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އިތުރަށް ކޯޓު އަމުރުގައި ވާގޮތުން ޔާސީން ވަނީ އެ ފައިސާ ފަހުން ފޮނުވި ކަމަށް ބުނެފައެވެ.
ޔާސީން އަކީ ކެފޭތަކަށް ގޮސް މީގެކުރިންވެސް ކެއުމަށް ފަހު ބިލް ނުދައްކާ ހުރި ފަރާތެއް ކަމަށް އާއިލާ އާއި ހަވާލާދީ މީގެކުރިން އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ބުނެފައެވެ.