ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޗައިނާގެ ބެއިޖިންގައި ބޭއްވި ރަސްމިއްޔާތުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރީ ޖެނެރަލް މެނޭޖަރު ހުސައިން އަފީފްއެވެ. އަދި ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ޗެއާމަން ލިން ޔުޗެންޖްއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބާއި ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހްމަދު ބައިވެރިވެވަޑައިގެންފައެވެ.
މި އެއްބަސްވުމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ވިދާޅުވީ ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާއި އެކު ޖާގަ ލިބި ލުއިގޮތްތައް ހޯއްދަވައިދެއްވުމުގައި ރައީސް މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ އަވަސް ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުން އަންނަކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ މެދުތެރޭގައި ޗައިނާއަށް ފޮނުވުމަށް ނިންމާފައިވާއިރު އެ ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ބެއިޖިންއަށެވެ. އަދި ބެއިޖިން އާއި ކައިރި ޕްރޮވިންސްތަކުގައިވެސް މި އުފެއްދުންތައް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންސިސްގެ މި އުފެއްދުންތައް ޗައިނާގައި އޮންލައިންކޮށްވެސް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމަކީ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑްގެ ދަށުން ގާއިމްކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު އެންސިސް ފިޝަރީޒްއިން އުފައްދާ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އިތުރުން ދަޅުމަހާއި، ގަނޑުކުރި ރޯމަސް ފަދަ ބާވަތްތައް އެކްސްޕޯޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.