ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އެއިޑުން ހިންގާ "ރަމަޟާން އެއިޑް" ޕްރޮގްރާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލްގެ މި އެހީއާއެކު މޮމްސް އެއިޑުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީއާ ގުޅިގެން މޮމްސް އެއިޑުން ވަނީ ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން މި ޕްރޮގްރާމަށް ދިން އެއްބާރުލުމަށް ޝުކުރުދަންނަވާފައެވެ. އަދި މިފަދަ އެހީތަކަކީ މުޖުތަމައަށް އެހީވުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް ކަމަށާއި ގިނަ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާ ކަމެއް ކަމަށް މޮމްސް އެއިޑުން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން މީގެ ކުރިން ވެސް މޮމްސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.