ޕެޝަން ފްރުޓް ނުވަތަ ޖުމްހޫރީ މޭވާ އަކީ ދިވެހިންގެ ތެރޭގައި މަގުބޫލު މޭވާއަކަށްވާއިރު މިއީ ގިނަ ބައެއްގެ "ފޭވަރިޓް" އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވަކިން ހާއްސަކޮށް ރޯދަމަހު މި މޭވާގެ ބާވަތަކާއި ނުލާ ސުފުރާމަތި ފުރިހަމަވެސް ނުވާނެއެވެ.
ޕެޝަން ފްރުޓް ރާއްޖެއަށް ތައާރަފް ވެފައި ވަނީ ރާއްޖޭގެ ޒަމާންވީ ރަސްކަމެއް ނިމި، ރިޔާސީ ނިޒާމަކަށް ނުވަތަ ޖުމްހޫރީ ވެރިކަމަކަން ބަދަލުވި ދުވަސްވަރުއެވެ. އެހެންކަމުން ޕެޝަން ފްރުޓަށް ދިވެހިން ކިޔައި އުޅުނީ ޖުމްހޫރީ މޭވާއެވެ. ދިވެހި ފަސްގަނޑުގައި ގިނަ އަދަދަކަށް ހައްދާ އުޅޭ މި މޭވާއަކީ ހަށިގަނޑަށް ނުހަނު ފައިދާހުރި މޭވާއެއްވެސް މެއެވެ.
އާންމުކޮށް ޕެޝަން ފްރުޓު ރޯދަމަހު ބޭނުންކުރަނީ ޕެޝަން ފްރުޓް ޖޫހެއް ގިރާލުމަށެވެ. ނަމަވެސް ކުޑަކޮށް ތަފާތު ކޮށްލަމާ ހިނގާށެވެ. މި ކިޔާދެނީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ "ޕެޝަން ފްރުޓް މޮހީޓޯ" ހަދާލެވޭނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
- 1 ޕެޝަން ފްރުޓް (ބޮޑު)
- 3/4 ލުނބޯ (ތުނި ފޮއްޗަށް ކޮށާފައި)
- 6 ކުދީނާ ފަތް ނުވަތަ މިންޓް ލީވްސް
- 1 މޭޒުމަތީ ސަމްސާ ހަކުރު
- ސްޕްރައިޓް
- އައިސް ކިއުބް (ބޭނުން ވަރަކަށް)
ތައްޔާރުކުރާނެ ގޮތް:
ޕެޝަން ފްރުޓާއި ލުނބޯ ރަނގަޅަށް ދޮވެލުމަށްފަހު ލުނބޯތައް ތުނި ފޮތި ތަކަކަށް ކޮށާލާށެވެ. އެއަށްފަހު މިންޓް ފަތުގެ އިތުރުން ހަކުރުކޮޅު ތައްޓަކަށް އެޅުމަށްފަހު ރަނގަޅަށް ޗިސް ކޮށްލާށެވެ. އެއަށްފަހު ތަށީގެ ތެރެއަށް އައިސް ކިއުބާއި ސްޕްރައިޓް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ލުނބޯ ފޮއްޗަކާއި އިތުރު މިންޓް ލީފް ކޮޅެއް ބޭނުން ކޮށްގެން ކޮންމެ ތަށްޓެއް ރީތި ކޮށްލެވިދާނެއެވެ. އޭރުން އެހުރީ ޕެޝަން ފްރުޓް މޮހީޓޯ ތައްޔާރުވެފައެވެ.
ޕެޝަން ފްރުޓަކީ ބާޒާރުންވެސް ފަސޭހައިން ލިބެން ހުންނަ މޭވާއެއްގެ އިތުރުން ގޭގައި ފަސޭހައިން ހައްދާލެވޭ މޭވާއެއްވެސް މެއެވެ.
ޕެޝަން ފްރުޓަކީ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ މޭވާއެކެވެ. އެންޓިއޮކްސިޑެންޓަކީ ހަށިގަނޑުގެ ދުޅަހެޔޮކޮށް ބެހެއްޓުމަށް ހާއްސަކޮށް ސިކުނޑިއަށާއި، ނާރުތަކުގެ ނިޒާމަށް ލޭ ދައުރުން ރަނގަޅު ކޮށްދޭ އެއްޗެކެވެ. މީގެއިތުރުން މި މޭވާއަކީ ހަށިގަނޑުގައި ހުންނަ ފްރީ ރޭޑިކަލްސް ނައްތާލުމަށް މުހިންމު ދައުރެއް އަދާކޮށްދޭ ބާވަތްތައް އެކުލެވޭ މޭވާއެކެވެ.