މާދަމާގެ ކުރިން އިތުރު ތަންތަނުން މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.

ރޭ 8 އިން ފެށިގެން މިފްކޯ އޮފީހުގެ ކޮމްޕައުންޑާއި ހެންވޭރު އެމްޓީސީސީ ސޯމިލުގައި މަސްދަޅު ކޭސްތައް ގެންދަނީ ބަހަމުންނެވެ. ފާހަގަކުރެވޭ ގޮތުގައި އިއްޔެ ހަވީރު 5 އިން ފެށިގެން ކިޔޫ ހަދަން ފަށައި، އެތައް ބަޔަކު އޭގެ ފަހުން ވެސް ކިޔޫގައި ޖެހިފައިވެއެވެ. އެއާއެކު މިފްކޯ އޮފީހުގެ މުޅި ކޮމްޕައުންޑް ވަށައި މީހުން އޮތީ ތޮށްޖެހިފައެވެ.

އެހެންވެ ސަފުތައް ދިގުވެ އެތައް އިރެއް ވަންދެން ތިބެންޖެހުމާ އެކު މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތާ މެދު އާންމުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ވެސް ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ވަނީ، މަސްދަޅު ކޭސްތައް ބަހާނެ އިތުރު ތަންތަން ހަމަޖައްސައި މާދަމާގެ ކުރިން އާންމުކުރައްވާނެ ކަމަށް 'އެކްސް'ގައި ރޭ ލިޔުއްވައިފައެވެ.

ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމަށް ހަމަޖެހިފައިވަނީ އިއްޔެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުމަށް ނިންމާފައިވާ ސަރަހައްދުތަކަކީ:

  • މާލެ: މާފަންނު މިފްކޯ އޮފީހުގެ ކޮމްޕައުންޑާއި ހެންވޭރު އެމްޓީސީސީ ސޯމިލް
  • ވިލިމާލެ: ވިލިމާލޭގެ ވެމްކޯ ސައިޓް
  • ހުޅުމާލެ ފުރަތަމަ ފިޔަވަހި: އުމަރު ޒާހިރު ބިލްޑިން
  • ހުޅުމާލެ ދެވަނަ ފިޔަވަހި: 10 ވަނަ ހިޔާ ޓަވަރުގެ ޒުވާނުންގެ މަރުކަޒު

އެސްޓީއޯއިން ބުނީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ލިބޭނީ ދިވެހީންނަށް އެކަނި ކަމަށާއި، ގޭގެ ކަރަންޓު މީޓަރުގެ ނަމްބަރު ޗެކްކުރުމަށް ފަހު، މަސްދަޅު ކޭހާ ހަވާލުވާން ދާ މީހާގެ އައިޑީކާޑާއި ގުޅޭނެ ނަމްބަރު ވެސް ރެކޯޑު ކުރާނެ ކަމަށެވެ. މިފްކޯއިން ބުނީ، މަސްދަޅު ކޭސްތައް ހުރިހާ މީޓަރުތަކަށް ވާ ވަރަށް އެބަހުރި ކަމަށެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • ފެބްރުއަރީ 20 - ރޭގަނޑު 8:30 އިން 11 އަށް
  • ފެބްރުއަރީ 21 - ބަންދު
  • ފެބްރުއަރީ 22 - ހެނދުނު 10 އިން ހަވީރު 4 އަށް، އަދި ރޭގަނޑު 8:30 އިން 11 އަށް
  • ފެބްރުއަރީ 23 އިން 27 އަށް - މެންދުރުފަހު 2:30 އިން ހަވީރު 6 އަށް، އަދި ރޭގަނޑު 8:30 އިން 11 އަށް