މި ރަމަޟާން މަހު އުމްރާއަށްދާ އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނޭވެނެ ހާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
އެގޮތުން ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މަލިކް ސަލްމާން (ސަލްމާން މިސްކިތު)ގެ ކޮންފަރެންސް ހޯލް (5 ވަނަ ފަންގިފިލާ) އަދި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށް ބޭންކް ބަންދު ނޫން ދުވަސްތަކުގައި ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ބުނީ މި ހިދުމަތް މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ދެމުންގެންދާނެ ކަމަށެވެ. އަދި އަންނަ މާޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 13 ވަނަ ދުވަހަށް މި ހިދުމަތް ދެމުންދާނީ ހެނދުނު 9:30 އިން 11:30އަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ މި ހިދުމަތުގެ ދަށުން:
- ކޮންމެ އުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު
- އެއްފަހަރާ 5 އުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށް ޑޮލަރު ގަނެވޭނެ
- ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން ނުވަތަ ނަގުދު ފައިސާއިން
- ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަންވާނެ
- އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުވެސް ހުށަހަޅަންވާނެ
- ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް
އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
ބީއެމްއެލްއިން ބުނީ މި ހިދުމަތްދޭ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ނުލިބޭނެ ކަމަށެވެ. ނަމަވެސް، މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.