ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެސްޓް ހައުސް ފައިނޭންސިިން ލޯނުތަކަށް ގެނައި ބަދަލުތަކަކީ އައްޑޫގެ ވިޔަފާރިތަކަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށް ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫގައި އެމެރިކާ ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ކުރިން ގެސްޓްހައުސް ފައިނޭންސިން އޮތް ގޮތުން އިތުރު އިިމާރާތަކާ، ގޯތި ރަހުނު ކުރަން ޖެހުމަކީ ވިޔަފާރިވެރިންނަށް ދިމާވި އުނދަގޫކަމެއް ކަމަށެވެ. ނަމަވެސް މިހާރު އެ ކަން ބަދަލުވެގެން ދިޔަ ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މިހާރު މި ގެނެވުނު ބަދަލާ އެކު އިމާރާތްކުރާ ގެސްޓްހައުސް މޯގޭޖް ކުރުމަށް ފަހު އިތުރު ރަހުނަކާއި ނުލައި އެ ޕްރޮޖެކްޓްގެ 70 ޕަސެންޓާއި ހަމައަށް ފައިނޭންސިން ހަމަޖެހިގެން ދާނެކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގައި ގެސްޓްހައުސް އެޅުމަށްވެސް ލޯނު ނެގިދާނެކަމަށެވެ. އާންމު ވިޔަފާރިތަކަށް އެހީތެރިވުމަށް ގެސްޓް ހައުސް ފައިނޭންސިންއާއި ވޯކިން ކެޕިޓަލް ފައިނޭންސިންއަށް ޝަރުތުތައް ލުއިކުރީ އައްޑޫ ފަދަ ތަންތަނަށް ފުރުސަތުތައް ދިނުމަށްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް ފަރުމާކޮށްފައި ވަނީ ހާއްސަކޮށް އައްޑޫ ފަދަ ސިޓީތަކަށް ހާއްސަކޮށްގެން ކަމަށެވެ.

ގެދޮރުވެރިކަމުގެ އެހެން ލޯނުތަކަށް ގެނައި ލުއިތައް ހާމަކޮށް ޝަރީފް ވިދާޅުވީ އެޕާޓްމެންޓް ނުވަތަ ބިމުގެ އަގު 3 މިލިއަންއަށް ވުރެ ބޮޑުނުވާ ނަމަ އަމިއްލައަށް އިންވެސްޓް ކުރަން ޖެހޭ އަދަދު 10 ޕަސެންޓަށް ދަށްކޮށް ބާކީ 90 ޕަސެންޓު ބޭންކުން ޖަމާކޮށްދޭނެކަމަށެވެ. އަދި ގެދޮރު އިމާރާތް ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިން އަދަދު 2 މިލިއަން ރުފިޔާއަށް އިތުރުކުރުމާއެކު ޝަރުތުތައް ލުއިކޮށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ގެދޮރު އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތަކަށް ދޫކުރާ ފައިނޭންސިން މިހާރު 45 މިލިއަން ރުފިޔާއާ ހަމަޔަށް ލިބޭނެކަމަށެވެ. އަދި ބިމުގެ އިތުރުން ގަރާޖާއި ޕާކިން ސްޕޭސް ގަތުމަށް ވެސް ފައިނޭންސިން ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާކަމަށާއި މި ސްކީމްގައި 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން އަނބުރާ ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެކަމަށެވެ. ވިޔަފާރީގެ އުސޫލުން އިމާރާތް ކުރުމަށް ނަގާ ރިއަލް އެސްޓޭޓް ފައިނޭންސިންއަށް ވެސް އަމިއްލައަށް އިންވެސްޓް ކުރަން ޖެހޭ އަދަދު 20 ޕަސެންޓަށް ކުޑަކޮށްފައިވާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އެ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު 20 އަހަރަށް ދިގުކުރެވިފައިވާ ކަމަށެވެ.