ގާޒާއިން އާންމުން ހުސްކޮށް އެތަން އަމިއްލަ ކުރާނެ ކަމަށް ވިދާޅުވެ ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުން މިނިވަން ނުކޮށްފިނަމަ 'ނަރަކައިގެ ދޮރުތައް ހުޅުވާލާނެ' ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިގޮތަށް އެކަން ކުރާނެ ކަމަށް ނަތަންޔާހޫވެސް ބުނެފިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި އިޒްރޭލަށް ވަޑައިގެން ބޮޑުވަޒީރު ނަތަންޔާހޫ އާ ބައްދަލު ކުރެއްވުމަށް ފަހު ބޭއްވި ޕްރެސްގައި އޭނާ އާއި ނަތަންޔާހޫ ބުނެފައި ވަނީ، ހަމާސްގެ ވަސް އެއްކޮށް ފުހެލަން ޖެހޭ ކަމަށާއި ގާޒާ އާ މެދު ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

ހަމާސް އާއި އިޒްރޭލުގެ ސުލްހައިގެ އެއްބަސްވުން ދެމިއޮވެދާނެ ކަމާ މެދު އިތުރު ސުވާލުތައް އުފެދޭ ގޮތަށް އިތުރަށް އޭނާ ވިދާޅުވީ، މާޒީގައި ކަންކުރި ގޮތަށް އިތުރަށް ކުރެވެން ނެތް ކަމަށާއި ޓްރަމްޕްވެސް ވިދާޅުވެފައި ވަނީ އެފަދައިން ކަމަށެވެ. އަދި ގާޒާއާ މެދު ޓްރަމްޕް ގެންގުޅުއްވަނީ ވިސްނުންތެރި ހިޔާލެއް ކަމަށާއި އެމަގަށް ކަންކަން ދާނެކަމަށެވެ.

އޭނާގެ ވާހަކައަށް ތާއީދު ކޮށް އަދި ޓްރަމްޕްގެ ވިސްނުންފުޅަކީ 'ބުއްދިވެރި ވިސްނުންފުޅެއް' ކަމަށް ބުނެ ނަތްނަޔާހޫ ބުނެފައި ވަނީ، ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ އެންމެން ދޫކޮށް ނުލައިފިނަމަ 'ނަރަކައިގެ ދޮރުތައް ހުޅުވާލާނެ' ކަމަށެވެ.

އޭނާ އިޝާރާތް ކުރީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން މުޅި ގާޒާ އަންދާ އަޅިއަށް ހަދާނެ ކަމުގެ ނުރައްކާތެރި ވާހަކައަށެވެ.

އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ހަމަލާތައް ފެށިފަހުން މިހާތަނަށް 61،700 މީހަކު އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި މިހާރު ކުރިއަށް ދާ ސުލްހައިގެ މުއާހަދާގެ މަރުހަލާތަކުގައި ގާޒާގެ ރައްޔިތުން އެކި ސަރަހައްދުތަކަށް ދާން ފަށާފައި ވުމާއެކު ފާހަގަ ވީ، ހަމަލާތަކުގައި ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރި 12،000 މީހުން ވީ މަރުވެފައި ކަމަށެވެ. އިދާރާތަކުން ބުނީ، އިޒްރޭލު ސިފައިން ގާޒާގެ އުތުރާއި ދެކުނު ވަކިކޮށްލަން ހެދި މަގުގެ ދެފަރާތަށް އެއްކޮޅުން އަނެއްކޮޅަށް ޖަހާފައި ވާ ފަސްފުނިތަކުގެ ތެރެއިން ވެސް އެތައް ސަތޭކަ ބައެއްގެ ހަށިގަނޑު ފެންނަމުން ދާ ކަމަށެވެ.

އިޒްރޭލު ސިފައިން ވަނީ، ގާޒާގެ މީހުން މަރުމަށް ފަހު، އެމީހުންގެ ގައިމައްޗަށް ފަސްއަޅާ ފޮރުވާފައެވެ.

އެމެރިކާ އާއި އިޒްރޭލުގެ ވެރިންގެ ވާހަކަ މިގޮތަށް ހުރި އިރު، ސުލްހައިގެ ވާހަކަތަކުގައި އިސްކޮށް އުޅުއްވާ އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު މިހާރު ގެންދަވަނީ ސުލްހައިގެ ވާހަކަތަކުގެ 2 ވަނަ ބުރަށް ތައްޔާރުވަމުންނެވެ. އަންނަ ހަފްތާގައި މިސްރުގައި ބޭއްވުމަށް ހަމަޖެހިފައި ވާ ވާހަކަތަކުގައި އިޒްރޭލާއި އެމެރިކާ އަދި މިސްރުގެ އިތުރުން ހަމާސްގެ މަންދޫބުން ބައިވެރިވާނެއެވެ. އެ ވާހަކަތަކަށް މަގުފަހި ކުރުމަށްޓަކައި އޭނާ ވަނީ އެ ގައުމުތަކުގެ ވެރިންނަށް ގުޅުއްވާ ލޮބީ ކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

ގާޒާގެ ސުލްހަ އާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި ރޫބިއޯ މެދިއިރުމައްޗަށް ވަޑައިގެން މިއުޅުއްވަނީ ގާޒާ ހިފުމަށް ޓްރަމްޕް ހުށައަޅުއްވާ ޕްލޭނަށް ތާއީދު ހޯއްދެވުމަށެވެ. އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ އެހެން ބޮޑެތި ގައުމުތަކަށް ރޫބިއޯ ވަޑައިގަތުމަށް ހަމަޖެހިފައި ވާ އިރު، މެދުއިރުމަތިން އޭނާއަށް އެ ތާއީދު ލިބޭނެ ކަމާމެދު މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދައެވެ. މެދިއިރުމަތިން ބޮޑެތި ގައުމުތައް ކަމަށް ވާ ސައުދީ، މިސްރު، އުދުރުން ފަދަ ގައުމުތަކުން ޓްރަމްޕްގެ އެ ޕްލޭނަށް ވަނީ އިންކާރުކޮށްފައެވެ. އަދި ބުނެފައި ވަނީ، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ބިމުން ފައްސާލަން ނުވަތަ ބާލަން ތާއީދު ނުކުރާނެ ކަމަށެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، މިވަގުތު އަރަބިން އެހެން ބޮޑާ ހޭކިޔަސް އަދި ފަހުން އެއްބަސްވާނެ ކަމަށެވެ.