ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކައާ ހަވާލުކުރި 14 އައިސް ޕްލާންޓު މިފްކޯގެ ދަށަށް އަލުން ބަދަލުކޮށްފިއެވެ.
މިފްކޯގެ ދަށަށް އައިސް ޕްލާންޓްތައް ބަދަލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
މިފްކޯއިން ބުނީ އައިސް ޕްލާންޓްތައް ފުރިހަމަ ކެޕޭސިޓީގައި ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިނޭރިން ޓީމުތަކުން ކުރަމުންދާ ކަމަށެވެ.
މިފްކޯގެ ދަށަށް އަލުން ބަދަލުކުރި އައިސް ޕްލާންޓްތައް:
- ހއ. އިހަވަންދޫ
 - ނ. ޅޮހި
 - ރ. އަލިފުށި
 - ބ. ތުޅާދޫ
 - ފ. ފީއަލި
 - ފ. ނިލަންދޫ
 - ތ. ހިރިލަންދޫ
 - ގއ. ނިލަންދޫ
 - ގއ. ދެއްވަދޫ
 - ގއ. ގެމަނަފުށި
 - ގއ. ކޮލަމާފުށި
 - ގދ. ފަރެސްމާތޮޑާ
 - ގދ. ފިޔޯރީ
 - އައްޑޫ ހިތަދޫ
 
އައިސް ޕްލާންޓްތައް ހިންގުން މިފްކޯއިން ފެނަކަ އާ ހަވާލުކުރީ ސެޕްޓެމްބަރު 22، 2022 ގައެވެ. މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ އޭރު ވިދާޅުވީ، މިފްކޯގެ މަސައްކަތުގެ 70 ޕަސެންޓު މަސައްކަތަކީ ތެލުން ހިންގާ އޮޕަރޭޝަންތަކެއް ކަމަށްވުމާ އެކު، އައިސް ޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުން އެކަށީގެންވާ ގޮތެއްގައި މަސްވެރިންނަށް ދެވިގެން ދާނެ ކަމަށެވެ.
