އީފާސް މެދުވެރިކޮށް ނޫން ގޮތަކަށް މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދަށް އިސްލާހު ގެނެސް، މިއަދު ގެޒެޓްކޮށްފި އެވެ.

އީސީ އިން ގެޒެޓުކޮށް ޝާއިއުކޮށްފައިވާ ލިޔުމުގައިވާ ގޮތުން މީގެ ފަހުން އަލަށް ޕާޓީއެއް އުފައްދަން ހުށަހަޅާ 3،000 މީހުންގެ ފޯމާއި މިހާރު ހުރި ޕާޓީތަކަށް މެންބަރުން އިތުރުކުރަން ފޯމު ހުށަހެޅޭނީ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ފޯމު ހުށަހަޅާއިރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑިއެންއާރު) އެ ފަރާތުގެ މައުލޫމާތު، އީސީން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމުގައި އިގުރާރުވާން ޖެހޭނެ ކަމަށްވެސް ވެއެވެ.

މީގެ އިތުރުން ވެސް އީފާސް މެދުވެރިކޮށް 'ސިމެދަ' ޕޯޓަލްއިން ޕާޓީއަކަށް މީހަކު ވެއްދުމުން އެ މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީއިން އިއުލާނުކުރަން ވެސް އަލަށް ގެނައި އިސްލާހުގައި ބުނެފައި ވެއެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ފޯމުތައް ޕާޓީތަކުން 10 އަހަރުގެ މުއްދަތަކަށް ބެލެހެއްޓުމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އީފާސް މެދުވެރިކޮށް ނޫން ގޮތަކަށް ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައި މިވަނީ ވަގު ފޯމު ފުރައިގެން އާންމުން ސިޔާސީ ޕާޓީތަކަށް ވައްދާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން ސަރުކާރު ހިންގަމުންދާ ޕީއެންސީއިން ގިނަ އަދަދެއްގެ 'ވަގު ފޯމު' ފުރިކަމަށް އިދިކޮޅުން ތުހުމަތުކޮށް، އެ މައްސަލަ ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ.

ޕީއެންސީއަށް ވަގަށް ވެއްދި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކާއި އާންމު ގިނަ މެންބަރުން ހިމެނެ އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނިކޮށް ޕީއެންސީގެ ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކެއް ހޯމް މިނިސްޓްރީ އާއި ޑީއެންއާރުގެ މުވައްޒަފުން ފުރަން ތިބި މަންޒަރު ދައްކުވާދޭ ފޮޓޯ ތަކެއްވެސް އާންމުވެފައި ވެއެވެ. އަދި މި މަސައްކަތް ކުރިއަށްދާގޮތް ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާނު ހުންނަ ފޮޓޯއެއް ވެސް އާންމުވެފައިވާއިރު އިދިކޮޅުން ގެންދަނީ މިނިސްޓަރު އިހުސާން މަގާމުން ދުރުކުރުމަށް އެދި އަޑުއުފުލަމުންނެވެ. އެ އަދި ހަމައެހެންމެ އިދިކޮޅު އެމްޑީޕީން ވަނީ ޕީއެންސީން މި ފަހުން ހުށަހެޅި ހުރިހާ ފޯމެއް ބާތިލުކުރަން އީސީއަށް ވެސް ގޮވާލައިފައެވެ.

އޮޅުވާލައިގެން އާންމުން އެކި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، ރަޖިސްޓްރީވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގައި ނަން އޮންނަ މައްސަލައަކީ މީގެ ކުރިންވެސް ދިމާވެފައިވާ މައްސަލަތަކެއްކަން ފާހަގަކޮށްލެވޭއިރު އަލަށް މި ގެނައި އިސްލާހާއެކު އެ މައްސަލަތައް ހައްލުވާނެ ކަމަށް އީސީން ވެސް ގަބޫލު ކުރެއެވެ.