ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިންއެވެ. މި ބިލުގައި ގޭންގުގެ މާނަ ކަނޑައަޅައި، ގޭންގުތަކުގައި ބައިވެރިވާ މީހުންނާއި ގޭންގުތަކުގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ދެވޭނެ ހަރުކަށި އަދަބުތައް ހިމަނާފައިވެއެވެ.

އެ ގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ވަނީ ހިމަނާފައެވެ. އަދި ގޭންގަކަށް މީހުން ހޯދުމުގެ ކުށަށް 20 އަހަރުގެ ޖަލު ހުކުމަކާއި 7 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ގޭންގެއްގައި ބައިވެރިވުމުގެ ކުށަށް 15 އަހަރުގެ ޖަލު ޙުކުމަކާއި ތިން މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރުމަށް ވަނީ ހުށަހަޅާފައެވެ.

ގޭންގު ކުށްތައް މަނާކުރުމުގެ ބިލުގައި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތަކުގައި ބައިވެރިވުމާއި، އެފަދަ ކުށްތަކަށް އެހީތެރިވުމާ، ގްރޫޕްތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން، ގްރޫޕެއްގައި ބައިވެރިވުމުގެ ކުށަށް 15 އަހަރަށް ޖަލަށްލުމާއެކު 3 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހަމަޖެހިފައެވެ. އަދި ގޭންގު ކުށްތައް ކުރުމަށް އެހީތެރިވުމަށް 10 އަހަރަށް ޖަލަށްލުމާއެކު 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުން ހިމެނޭ އިރު މި ފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް 12 އަހަރާއި 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ، އަދި އެފަދަ ކުށަކަށް އެހީތެރިވުމަށް 8 އަހަރަށް ޖަލަށްލުމާއެކު 300،000 ރުފިޔާއާ ހަމައަށް ޖަލަށްލުމާއި ޖޫރިމަނާކުރެވޭނެއެވެ.

ގޭންގު ކުށްތަކާ ބެހޭ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ފެބުރުއަރީ 20، 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކުރަމުން ގެންދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލަށް ހުށަހަޅާފައިވާއިރު އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ފެބުރުވަރީ 15، 2025 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.