ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތަކަށް ހެޔޮ ބަދަލެއް ގެނެސްފިއެވެ.

ބީއެމްއެލް އިން ބަދަލު ގެނައި ފައިނޭންސިން ޕްރޮޑަކްޓުތަކުގެ ތެރޭގައި ގެސްޓްހައުސް ފައިނޭންސިން އާއި ރިއަލް އެސްޓޭޓް ފައިނޭންސިންގެ އިތުރުން ވާކިން ކެޕިޓަލް ފައިނޭންސިން ހިމެނެއެވެ.

ރިއަލްއެސްޓޭޓް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި:

  • އިކުއިޓީ ( އަމިއްލަ އަށް ދައްކަންޖެހޭ އަދަދު) 30 ޕަސެންޓުން 20 ޕަސެންޓަށް ދަށް ކުރުމާއި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރު ކުރުން
  • ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި ކުންފުނިތަކާއި މުއައްސަސާތަކާއި ރަޖިސްޓްރީ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށް ވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ފައިނޭންސިންއަށް ހުށަހެޅޭނެ

ގެސްޓް ހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި:

  • ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ބެހެއްޓޭ ގޮތަށް ގެނައި ބަދަލާއި ގެސްޓްހައުސް ހިންގާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ލޯނު ދިނުމަށް ބަދަލު ގެނައުން
  • އޭގެ އިތުރުން އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ލޯނު ދޭ ގޮތަށް ހަމަޖެއްސުން

ވޯކިން ކެޕިޓަލް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި:

  • ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ލޯނު ނެގޭ ގޮތަށް ހަމަޖެއްސުން
  • ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ލޯނުތަކުގެ ޝަރުތުތައް ލުއިކުރުން

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބަދަލުތަކަކީ ދިވެހި ވިޔަފާރިތަކަށް އެ ބޭންކުން ދޭ އަހައްމިއްޔަތު ހާމަވާ މުހިންމު ބަދަލުތަކެއް ކަމަށެވެ.

ބީއެމްއެލްއިން ދާދި ފަހުން ވަނީ ހައުސިން ފައިނޭންސިން ފެސިލިޓީތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.