މިދިޔަ ޖެނުއަރީ 27 ވަނަ ދުވަހު ސްނޯކްލިންއަށް ގޮސްއުޅެނިކޮށް ގެއްލުނު ދިރ. އިފުރު އައިލެންޑު ރިސޯޓުގެ ބިދޭސީ މުވައްޒަފު އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އާފްތާބް ހާން (25އ.) ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ޖެނުއަރީ 27 ވަނަ ދުވަހު އެމްއެންޑީއެފްއާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ސާޗް އޮޕަރޭޝަނުގެ ދަށުން އިފުރު، މާނެންފުށި، ލުންބޮކަންދޫ އަދި އަރިޔަދޫގެ ވަށައިގެންވާ ސަރަހައްދު ބަލާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކަނޑު އަޑީގެ ސަރަހައްދުތައްވެސް އެމްއެންޑީއެފް އިން ބަލާފައިވާކަމަށާއި ނަމަވެސް އޭނާ ނުފެނުމާއެކު ސާޗް އޮޕަރޭޝަންތައް މި މަހު 1 ގައި ހުއްޓާލާފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި ދަތި ވަގުތުގައި އާފްތާބް ހާންގެ އާއިލާއަށް ބޭނުންވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން ފާހަގަކުރަމުން ފުލުހުން ވަނީ ހަގީގަތާއި ހިލާފް ވާހަކަތައް ސޯޝަލް މީޑިއާގައާއި އެހެނިހެން ޕްލެޓްފޯމުތަކުގައިވެސް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. ފުލުހުން އިތުރަށް ވަނީ މޫދު ހަރަކާތްތަކުގައި ޝާމިލުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ ކުރިންވެސް ރިސޯޓު ތަކުން މޫދަށް އެރި އުޅޭ ފަތުރުވެރިންނަށާއި މުވައްޒަފުންނަށް އެކި ހާދިސާތައް ދިމާވެފައިވާކަން ފާހަގަކޮށްލެވެއެވެ.