ގެދޮރު ގަތުމާއ،ި ގެދޮރު އިމާރާތްކުރުމަށް އަދި މަރާމާތުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ފައިނޭންސް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މިއަދު ހަވީރު ބީއެމްއެލް އިސްލާމިކް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް، ބަދުރުއްދީން ހަސަން ވިދާޅުވީ މި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ގެދޮރު ބިނާ ކުރުމާއި މަރާމާތު ކުރުމަށް މިހާރަށް ވުރެ ގިނަ ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ.

ބަދުރުއްދީން ފާހަގަކުރެއްވި ގޮތުގައި ބަދަލު ގެނެސްފައިވަނީ ހޯމް ޕަޗޭސް ފައިނޭންސިންގް، ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން އަދި ހޯމް ބިލްޑް ފައިނޭންސިން އަށެވެ. މިގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި މިހާރު ބިން ގަރާޖް އަދި ޕާކިން ސްޕޭސް ގަނެވޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ. ނަމަވެސް މީގެކުރިން އެ ފެސިލިޓީން ގަނެވެނީ، އެޕާޓްމަންޓާއި ސިންގަލް ޔުނިޓް އަދި ރޯ ހައުސް އެކަންޏެވެ.

ހޯމް ކޮންސްޓްރަކްޝަން ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްފައިވާކަން ފާހަގަކުރައްވަމުން ބަދުރުއްދީން ވިދާޅުވީ މިއާއެކު ކަސްޓަމަރުން ކޮންމެ މަހަކަށް ދައްކަން ޖެހޭ މިންވަރު ކުޑަވެގެން ދާނެ ކަމަށާއި މިއީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. މިއާއެކު ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަމަށްވެސް ބަދުރުއްދީން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފައިނޭންސިން ފެސިލިޓީ ނެގުމުގައި ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުޑަކޮށްފައިވާކަން ފާހަގަކުރައްވަމުން ބަދުރުއްދީން ވިދާޅުވީ ތިން މިލިއަން ރުފިޔާއާ ހަމައަށް 10 ޕަސެންޓު ޑައުންޕޭމަންޓަކާ އެކު ލޯނު ނެގޭނެކަމަށެވެ. ތިން މިލިއަން އާއި ފަސްމިލިއަންއާ ދެމެދުގެ ލޯނެއް 15 ޕަސެންޓުގެ ޑައުންޕޭމަންޓު ދެއްކުމަށް ފަހު އަދި ފަސް މިލިއަން ރުފިޔާ އިން މަތީގެ ލޯނެއް 20 ޕަސެންޓު ޑައުންޕޭމަންޓު ދައްކާ ގޮތަށްވެސް ނެގޭނެ ކަމަށް ބަދުރުއްދީން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އިން މީގެ ކުރިން އާމްދަނީ ހޯދަން ގެދޮރު ހަދަން ނަގަން ޖެހޭނީ ރިއަލްއެސްޓޭޓް ފައިނޭންސިން އިން ކަމަށްވާއިރު ގެނެވުނު ބަދަލާއެކު ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން ނެގޭނެ އެވެ. އަދި ހޯމް ބިލްޑް ފައިނޭންސިން އަށް ގެނައި ބަދަލުން އިތުރު ރަހުނަކާ ނުލައި އެ ލޯނު ނެގޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ މިއަދު ގެނެވުނު ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާއާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށް ވުރެ ގިނަ އަދަދެއްގެ ބަޔަކަށްގެދޮވެރިންނަށް ވުމަށް ބޭނުންވާ ފައިނޭންސިންގް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.