ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެވޭނީ ހާއްސަ ހުއްދައެއް ނަގައިގެން ކަމަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއީ މިވަގުތު މަސައްކަތް ހިނގަމުންދާ ސަރަހައްދެއްކަމުން ގިނަ އަދަދެއްގެ ބަރު އުޅަނދުތައް ބޭނުން ކުރަމުންދާ ސަރަހައްދެއް ކަމަށެވެ. އެއާއެކު އެ ސަރަހައްދަށް ވަދެ ނުކުތުން މަނާކޮށްފައިވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ސަރަހައްދުގައި ޗެނަލް ކޮނުމާއި، އަސޭރިއާ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދާ ފަރާތުގެ އިތުރުން އެހެން ބޭނުމަކަށް މި ސަރަހައްދަށް ވަންނަން ޖެހިއްޖެ ހާލަތެއްގައި، ވަދެވޭނީ ލިޔުމުން ހުއްދަ ހޯދައިގެންކަމަށް އެޗްޑީސީން ބުނެއެވެ.
"އެ ސަރަހައްދަށް ވަންނަ ފަރާތްތަކުން، ކަނޑައެޅިފައިވާ ސަލާމަތީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ދަންނަވަން" އެ ބަޔާނުގައިވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދުގައި ކުރިއަށްގެންދަނީ އަސޭރިއާ ޕްރޮޖެކްޓަށް ވާއިރު މިއީ ހުޅުމާލޭގައި ތަރައްގީކުރާ އެންމެ ލަގްޒަރީ ހައުސިންގް މަޝްރޫއެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާނުކުރި މި މަޝްރޫއުގެ ބިންގާ އަޅާފައި ވަނީ ހުސްވި އަހަރުގެ ޖޫން މަހުއެވެ.