އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި ނައިބު ރައީސް ކަމަށް އެ ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި ދެ މެންބަރުންގެ ނަމާއި، އޭސީސީގެ ނައިބު ރައީސް ކަމަށް އެ ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި މެންބަރެއްގެ ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސް ފޮނުއްވީ މުހައްމަދު ޒާހިދުގެ ނަމެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސްކަމަށް އައްޔަންކުރަން ފޮނުއްވީ އަބްދުއްރަހްމާން ސަލާހް ރަޝީދުގެ ނަމެވެ. މީގެ އިތުރުން އޭސީސީ ނައިބު ރައީސް ކަމަށް އައްޔަންކުރަން ރައީސް ފޮނުއްވީ އަހްމަދު ނާޝިދުގެ ނަމެވެ.
މި ތިން ބޭފުޅުން ވެސް ކޮމިޝަންތަކަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެ ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ. އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ހުސްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތު މަގާމުން ވަކިކުރުމަށް ހަމަ އެ މަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން އެ ކޮމިޝަންގެ މެންބަރުކަމުން މުހައްމަދު އާސިފް ވެސް ނަޝާތާ އެކު ވަކިކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރިއެވެ.
އަދި އާސިފާއި ނަޝާތު އިލެކްޝަންސް ކޮމިޝަނުން ވަކިކުރި ދުވަހު އޭސީސީގެ އޭރުގެ ނައިބު ރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މުހައްމަދު ވަކިކުރަން ތާވަލުކޮށްފައި ވަނިކޮށް ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީއެވެ.