ރިސޯޓުތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށްޓާ ގުޅުންހުރި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން "ގްރީން ރިސޯޓް ފައިނޭންސިން" ތައާރަފްކޮށްފިއެވެ.
އިއްޔެ ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ބައްދަލުވުމުގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްއާއެކު މި ހިދުމަތް ތައާރަފްކޮށްދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ހުސެއިން އަފީފްއެވެ.
ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި އެނާޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމާއި ރީފޮރެސްޓްރޭޝަން އަދި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް ރިސޯޓުތަކުން ބޭނުންވާ ފައިނޭންސް ފޯރުކޮށްދެވޭނެއެވެ.
ގްރީން ރިސޯޓް ފައިނޭންސިންގެ ދަށުން:
- 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަރޑްރާފްޓް ފެސިލިޓީ
- 6.5 ޕަސެންޓް އިންޓްރެސްޓް ރޭޓް
- ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާ އިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ބަހައްޓާ އަހަމިޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ބޭންކުގެ ހައިސިއްޔަތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާފަދަ ބޭންކިން ހިދުމަތްތަކާއި އަދި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތަކެއް ހޯދައިދިނުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.
ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާއެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިން އެއް ހޯދައިދިނުމަށް ކަމަށް ޝަރީފް ވިދާޅިވިއެވެ.
ބޭންކުގެ ކޯޕަރޭޓް ކަސްޓަމަރުން ގްރީން ރިސޯޓް ފައިނޭންސިންއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކަސްޓަމަރަކަށް ހާއްސަކޮށްފައިވާ ރިލޭޝަންޝިޕް މެނޭޖަރުންނާ ގުޅުއްވައި މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.