އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ގާއިމު ކުރުމަށް ވި އެއްބަސްވުމުގައި ހިމެނޭ ގޮތަށް ނެޒާރިމް ކޮރިޑޯ ދޫކޮށް އިޒްރޭލް ސިފައިން ފައިބަން ފަށައިފިއެވެ.
ނެޒާރިމް ކޮރިޑޯ އަކީ، ގާޒާގެ އުތުރާއި ދެކުނު ވަކިކޮށްލަން އިޒްރޭލުން ކެނޑި ހުރަސް މަގާ ހަމައަށް ދީފައި އޮންނަ ނަމެކެވެ. ގާޒާގެ ހުރަހަށް އެއްކޮޅުން އަނެއް ކޮޅަށް އެ މަގު ކަނޑާފައި ވާ އިރު ގާތްގަނޑަކަށް 2 ކިލޯމީޓަރުގެ ސަރަހައްދެއް ހުސްކޮށް ހާމަ ކޮށްފައި ވެއެވެ. އެއީ އިޒްރޭލް ސިފައިން ނޫން އެއްވެސް ބަޔަކަށް ގާތް ނުވެވޭ ގޮތަށް ގާޑުކޮށް ބަލަހައްޓަމުން ގެންދިޔަ ސަރަހައްދެކެވެ.
އިޒްރޭލުން އެ ސަރަހައްދު ދޫކޮށް ފަހަތަށް ޖެހެމުން މިދަނީ ދެފަރާތް އެއްބަސްވެގެން ހެދި އެއްބަސްވުމުގެ 5 ވަނަ ހަފްތާގައި ދެފަރާތުން މީހުން ބަދަލު ކުރުމުގެ މަރުހަލާގެ ތެރޭގައި ކުރަން ހުރި ކަންކަމުގެ ދަށުންނެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް އަރާ ރަހީނު ކުރި މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ދޫކޮށްލާފައި ވާ އިރު އިޒްރޭލުން ވަނީ، އެމީހުންގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 10 އެއްހާ މީހުންގެ ތެރެއިން 2000 އެއްހާ މީހުން ދޫކޮށްލަން އެއްބަސް ވެފައެވެ.
އިޒްރޭލު ސިފައިން މަޑުމަޑުން ފަހަތަށް ޖެހެމުން ދާއިރު އެމެރިކާގެ މަދަދާއެކު އިޒްރޭލުގެ ވިސްނުން ހުރީ ގާޒާ އެކީ އަތްދަށުލައި އަމިއްލަ ކުރުމަށެވެ.
ޔަހޫދީ ބޮޑުވަޒީރު ވައިޓްހައުސް އަށް ގެންގޮސް ރައީސް ޓްރަމްޕް ވަނީ ނަތަންޔާހޫ ހިތްހަމަ ޖެހޭ ގޮތަށް އެ ޕްލޭން އިއުލާން ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، ގާޒާއިން މީހުން ހުސްކޮށް އެތަން އެމެރިކާއަށް ނަގާނީ ކަމަށާއި އެއަށް ފަހު ޕްލޭންކޮށް އާބާދުކޮށް "ދުނިޔަވީ މީހުންނަށް" ދިރިއުޅުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި ޕަލަސްތީނުގެ ރައްޔިތުން އަނބުރާ އެ ބިމަށް ވަންނަން ބޭނުން ނުވާނެ ކަމަށާއި، އެ މީހުން ތިބޭނަމަ 100 އަހަރު ވިޔަސް އޮންނާނީ ހަނގުރާމަ އާއި މަރު ކަމަށާއި ހިތްހަމަ ޖެހިގެން އެހެން ތަންތާނގައި އުޅެވޭނެ ކަމަށެވެ.
ނަސްލު ނައްތާލުމުގެ މޭރުމަކުން ޓްރަމްޕް ދެއްކެވި މި ވާހަކައަށް އިޒްރޭލުގެ 80 ޕަސެންޓް މީހުން ވަނީ ތާއީދު ކޮށްފައެވެ. އަދި މިއީ ޔަހޫދީ ބޮޑުވަޒީރުގެ އާރުކާޓީ އަށް ވެސް ހިތްގައިމު ވާހަކަ އަކަށް ވެފައި ވާ އިރު، ނަތަންޔާހޫ މިހާރު ގެންދަނީ، ހިޒްބުއްލޯ އަށް އަމާޒު ކުރާ ހަމަލާތައް ކަމަށް ބުނެ ލުބުނާނަށް ހަމަލާ ދެމުންނެވެ. އަދި ސީރިއާގައި ތިބި އީރާނުގެ މަދަދު ލިބޭ ޖަމާއަތްތައް ކަމަށް ބުނާ ފަރާތްތަކަށް އަމާޒުކޮށްވެސް ހަމަލާ ދެމުންނެވެ. މީގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން އަށް ބުލްޑޯޒަރާއި ބަރުހަތިޔާރާއެކު އަރާ އިމާރާތްތައް ތަޅާ ސުންނާފަތި ކުރުމުގެ ޖަރީމާއެއް ވެސް ދަނީ ހިންގަމުންނެވެ. މި ޖަރީމާގެ ތެރޭގައި ބައެއް މީހުން ޝަހީދު ކޮށްލާފައި ވާ އިރު، މުޅި ފަލަސްތީން އަތްދަށު ލުމަކީ ޔަހޫދީންނާއި އެމެރިކާ ގުޅިގެން ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.