ނަސްލު ނައްތާލަނީ ކަމަށް ނުބުނެ ގާޒާގައި ތިބި އެންމެން ބާލައި އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންދަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުށަހަޅުއްވައިފިއެވެ.
ޓަރަމްޕްގެ ރައީސް ކަމުގައި ވައިޓްހައުސް އަށް އެންމެ ފުރަތަމަ ގެންދިޔަ ވެރިޔާގެ ގޮތުގައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގޮސް ކުރި މަޝްވަރާތަކަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ އިން ބޭނުން ވަނީ، ގާޒާ އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް އެތާގައި ތިބި މީހުން ވަޒަމުން ބާލައި، ދުނިޔަވީ މީހުންނަށް ނުވަތަ 'ދުނިޔަވެރިން' ނަށް އެތަން އާބާދު ކޮށްދޭން ކަމަށެވެ.
އޭނާ މާނަ ކުރައްވައި ދުނިޔަވީ މީހުންނަކީ ޔަހޫދީން ކަމަށް ބެލެވެއެވެ.
ނަތަންޔާހޫ ވައިޓްހައުސް އަށް ގެންގޮސް އޭނާ އާ ބައްދަލު ކުރުމުގެ ކުރިން ވެސް ޓްރަމްޕް ވަނީ މިހާރު ހަމަލާތައް ހުއްޓާލުމަށް ވެފައި ވާ އެއްބަސްވުމާ އެއްގޮތަށް އެކަން ކުރިއަށް ނުގޮސްދާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ބޭނުންވާނީ ގާޒާ ދޫކޮށް ދާން ކަމަށް ވިދާޅުވެ ނުތަނަވަސްކަމެއް އުފައްދަވާފައެވެ. އޭނާ އެހެން ވިދާޅުވީ، ނަސްލު ނައްތާލުމުގެ ބިރު ފަލަސްތީނުގެ ރައްޔިތުންގެ ހިތްތަކަށް ވެއްދުމުގެވެސް ބޭނުމުގައި ކަމަށް މުރާސިލުން ބުނެއެވެ.
ޓްރަމްޕްގެ އެ ޕްލޭނަށް ހަމާސް އިން ވަނީ ވަގުތުން ރައްދު ދީ، ޓްރަމްޕް އުޅުއްވަނީ އެ ސަރަހައްދުގައި ހަމަނުޖެހުން އިތުރުކޮށް ނުތަނަވަސްކަން އުފައްދާ ހާޖާނު ހަދުވަން ކަމަށާއި ހަމަ ހިލާ އެ ޕްލޭން ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ.
ވައިޓްހައުސް އަށް ނަތަންޔާހޫ ގެންދިޔުމާ ދެކޮޅު ހަދާ އެތައްބަޔަކު ވައިޓްހައުސް ހުންނަ ސަރަހައްދަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައި ވެއެވެ. އެމީހުން ގޮވަމުން ދިޔައީ ހަނގުރާމައިގެ ޖަރީމާ ހިންގާފައި ހުރި ކުށްވެރިއަކު ދައުވަތުދީގެން ވައިޓްހައުސް އަށް ވައްދައިފި ކަމަށެވެ. ނަތަންޔާހޫ އަކީ ނަސްލު ނައްތާލުމަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ކޯޓުން އަމުރު ނެރެފައިވާ މީހެކެވެ.
އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށްލަން ދޭ ހަމަލާތަކުގައި ޖުމްލަ 61،700 މީހުން ޝަހީދު ކޮށްލައިފައި ވެއެވެ.
ތިން ފިޔަވައްސަކަށް ބެހިގެން ދާ ގޮތަށް ހަމަލާތައް މިހާރު ހުއްޓާލާފައި ވާ އިރު ފުރަތަމަ ފިޔަވަހި ނިމި ދެވަނަ ފިޔަވައްސަށް ފަށަން ޖެހޭ ވަގުތަކީ މިއެވެ. ނަމަވެސް އެއްބަސްވުމުގައި އޮންނަނީ ދެވަނަ ފިޔަވަހި ފެށޭނީ ފުރތަމަ ފިޔަވަހީގައި ކަންކަން ދާ ގޮތަށް ބަލައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އެ މަޝްވަރާތައް އިއްޔެ ފަށަން ޖެހޭ އިރު ނަތަންޔާހޫ އެމެރިކާއަށް ދިޔުމާއެކު މަޝްވަރާތައް އޮތީ މަޑުޖެހިފައެވެ.
މުރާސިލުން ބުނާގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި ގޮތެއް ކަނޑައަޅަން އިޒްރޭލުން ބޭނުންވަނީ ނަތަންޔާހޫ ޓްރަމްޕާ ބައްދަލު ކުރުމުން ޓްރަމްޕް ދެއްވާ ޖަވާބެއްގެ މައްޗަށް ބިނާ ކޮށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަށް ވުރެ ޓްރަމްޕަކީ ނަތަންޔާހޫ އާ ގާތް އަދި އިޒްރޭލުން ގާޒާއާ ދެކޮޅަށް ހިންގާ ޖަރީމާތަކާ މާބޮޑަށް ރުހިވަޑައިގަންނަވާ ބޭފުޅެކެވެ.
ގާޒާގައި ތިބި މީހުން ހުސްކޮށް އެމީހުން އިންޑޮނީޝިއާ، މިސްރު އަދި އުރުދުން އަށް ގެންދިޔުމުގެ ވާހަކަތަކެއް ވެސް އެމެރިކާއިން ފަތުރާފައި ވެއެވެ. ޓްރަމްޕްގެ ސަރުކާގެ އިސްވެރިން ހިމެނޭހެން ފަތުރާފައި ވާ މި ވާހަކަތަކާ ގުޅިގެން އަރަބި ގިނަ ގައުމުތަކުގެ އިސްވެރިން ބައްދަލު ކޮށް މަޝްވަރާ ކޮށްފައި ވާ އިރު އެ ފަރާތްތަކުން ނިންމީ، އެއްވެސް ރައްޔިތަކު ގާޒާއިން ބާލަން ތާއީދު ނުކުރައްވާނެ ކަމަށާއި އެހެން ގައުމުތަކަށް ބަދަލުކުރަންވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ. މި ސިޔާސަތު ކަނޑައެޅުމުގައި މެދުއިރުމަތީގައި އެންމެ ބާރުގަދަ މިސްރު، ތުރުކީ އަދި ސައުދީ އާއި އުރުދުން ފަދަ ގައުމުތައް ވެސް ހިމެނެއެވެ.