ޗައިނާ އިން އެމެރިކާ އަށް އެތެރެ ކުރާ މުދަލަށް ޑިއުޓީ ބޮޑު ކުރައްވާނެ ކަމަށް ކެމްޕެއިންގެ ތެރޭގައި ވިދާޅުވި ގޮތަށް ޓްރަމްޕް އެކަން ކުރައްވައިފިއެވެ. އެގޮތުން ޗައިނާ އިން އެމެރިކާ އަށް އެތެރެ ކުރާ ހުރިހާ މުދަލަކަށް އިއްޔެ އިން ފެށިގެން ޑިއުޓީއަށް 10 ޕަސެންޓް އިތުރުވެގެން ދާނެއެވެ.

މީގެ އިތުރުން މެކްސިކޯ އާއި ކެނެޑާގެ ބައެއް މުދަލަށް ވެސް އިއްޔެ އިން ފެށިގެން ވަނީ ޑިއުޓީ ބޮޑު ކޮށްފައެވެ.

ވަކި 3 ގަރާރެއްގެ ގޮތުގައި އިއްޔެ ޓްރަމްޕް ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ވަނީ، ކެނެޑާއިން އެމެރިކާ އަށް އެތެރެ ކުރާ ތެލާއި، ގުދުރަތީ ގޭސް، އަދި ކަރަންޓް އަށް ޑިއުޓީ ނަގާނީ 10 ޕަސެންޓްގައި ކަމަށާއި އެހެން ބައެއް މުދަލަށް ނަގާ ޑިއުޓީ 25 ޕަސެންޓަށް ބޮޑުކުރާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، ޑިއުޓީ ބޮޑު ކުރައްވަނީ އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރައްވަން ކަމަށާއި ކެނެޑާއިން އެމެރިކާއަށް އެތެރެވާ ވަޒަންވެރިން ހުއްޓުވުމަށާއި މަސްތުވާތަކެތި ހުއްޓުވުމަށް ކަމަށެވެ.

އެމެރިކާގެ މި ފިޔަވަޅާއެކު މެކްސިކޯ އާއި ކެނެޑާއިން ވަނީ ވަގުތުން ފިޔަވަޅު އަޅާ، އެ ގައުމުތަކަށް އެމެރިކާ އިން އެތެރެ ކުރާ މުދަލަށް ވެސް 25 ޕަސެންޓާ ހަމައަށް ޑިއުޓީ އުފުލާލައިފައެވެ.

އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން ޗައިނާ އިން އަދި ވަކި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މުދަލުގެ ޑިއުޓީގެ މި ހަނގުރާމަ އާ ގުޅިގެން އެގައުމުތަކުގެ އިތުރުން އެ ގައުމުތަކުން މުދާ އެތެރެ ކޮށް ވިއްކާ އެހެން ބައެއް ގައުމުތަކުގެ ބާޒާރުގައި ގިނަ ބާވަތްތަކެއްގެ އަގުތައް އުފުލިގެން ދާނެއެވެ. އެގޮތުން އެމެރިކާ އާއި ކެނެޑާ އާ ދެމެދު ހިންގަމުން އަންނަ 30 ބިލިއަން ޑޮލަރުގެ މޭވާ އާއި އަލްކަހޯލް ވިޔަފާރީގެ މުއާމަލާތްތައް 150 ބިލިއަން ޑޮލަރަށް އަރައިގެން ދާނެއެވެ. އަދި މެކްސިކޯއާ ދެމެދު ހިންގާ މުއާމަލާތްތައް ވެސް 155 ބިލިއަން ޑޮލަރާ ހަމައަށް އުފުލިގެން ދާނެކަމަށް މުރާސިލުން ބުނެއެވެ. މި ބޮޑު ބަދަލާއެކު ބާޒާރުގައި ތަކެތީގެ އަގު އުފުލި އޭގެ ބުރަ އާންމު ރައްޔިތުން އުފުލަން ޖެހޭނެ ކަމަށް ވެސް ބުނެއެވެ.