ގާޒީއެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއް އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ނުވަތަ އޭގެ ތަފްސީލެއް ނުދީ ދިގުލައިގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ޝަރީއަތްތައް ދިގު ދަންމާ ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮންނަން ޖެހޭކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ގިނަވާ މައްސަލަ ހައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފެށި "ބަންދު ފޯރަމް" ގައި މިނިސްޓަރު ވަނީ ޝަރީއަތްތައް ދިގުލައިގެންދާތީ، މީހުން ބަންދުގައި ހޭދަކުރަން ޖެހޭ މުއްދަތު އިތުރުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުތަކުގައި ޝަރީއަތްތައް ނުނިމި ލަސްވާ މައިގަނޑު ސަބަބެއްކަމުގައި ޖިނާއީ ގިނަ މައްސަލަތަކުގެ ޝަރީއަތް ހިންގާ ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެ ކޯޓުގެ ޖާގަ އާއި ވަސީލަތްތައް މަދުވުންކަމަށެވެ. އެހެންނަމަވެސް މިނިސްޓަރު ވަނީ ޒަމާނީ ފެންވަރަށް ހަދާފައިހުރި މޮޅު ކޯޓު ރޫމެއް ނުލިބިގެން ޝަރީއަތް ނުކުރެވިގެން އުޅޭތޯ ސުވާލު ކުރައްވާފައެވެ. އަދި ސްކޫލް ބަންދު ގަޑީގައި ކްލާސްރޫމް ތެރޭގައި ވެސް ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށް މިނިސްޓަރު ވިދާާޅުވިއެވެ.
ގާނޫނުގައި ފުލުހުންގެ މައްޗަށް އެކި ކަންކަން ކުރަން މުއްދަތުތައް ކަނޑައަޅާފައި ހުންނައިރު ކޯޓުތަކަށް އެފަދަ މުއްދަތުތަކެއް ކަނޑައަޅާފައި ނުހުންނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތައް ނުނިމި ލަސްވާނަމަ، އެކަން ބަލާ، ފިޔަވަޅު އަޅާނެ ފަރާތެއްވެސް ނެތްކަމަށެވެ. ޕެރަރަލްކޮށް އެކައުންޓިބިލިޓީ އަންނަން ޖެހޭނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ނުވަތަ އޭގެ ތަފްސީލެއް ނުދީ މައްސަލަ ދިގު ދަންމާނަމަ ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް މުހިންމުކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ކޯޓު ހަދައި މުވައްޒަފުން ލައިގެން ހަރަދުތަކެއް ކުރަމުން އަންނަކަމަށެވެ. އެހެންވެ ޖިނާއީ ހުރިހާ މައްސަލަތަކެއް ކްރިމިނަލް ކޯޓުން ބަލަން ޖެހޭ ކަމަށް ގަބޫލު ނުކުރާކަމަށާއި މިވަގުތު ކްރިމިނަލް ކޯޓުގައި ޖާގަ ނެތުމުން، މައްސަލަތައް ކުރިއަށް ނުދާ ކޯޓުތަކުގައި ޝަރީއަތްތައް އޮންލައިންކޮށް ގުޅައިގެން ނަމަވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.