ރޭގަން ވޮޝިންޓަން ނެޝަނަލް އެއާޕޯޓަށް ޖައްސަން އުޅެނިކޮށް އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓަކާއި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެވެ.

ރައީސް ވިދާޅުވީ މި އެކްސިޑެންޓުގެ ހަބަރު އަޑުއެއްސެވީ ނުހަނު ހިތާމައާއި އެކު ކަމަށާއި، މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ގާތް ފަރާތްތަކަށް ތައުޒިޔާ ވިދާޅުވާކަމަށެވެ.

މީގެއިތުރުން މި ހިތާމަވެރި ވަގުތުގައި ދިވެހިން ތިބީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އެ ގައުމުގެ ރައްޔިތުންނާއެކުގައި ކަމަށް ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްވެސް ވަނީ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. ހަލީލްގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު އެންމެހާ އާއިލާތަކާއެކު ދިވެހީން ތިބި ކަމަށް ވިދާޅުވެފައެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ހާމަކޮށްފައިވާއިރު މި ހާދިސާ ހިނގާފައިވަނީ ރޭގަން ވޮޝިންޓަން ނެޝަނަލް އެއާޕޯޓަށް ޖައްސަން އައި އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއް އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކްސް ހެލިކޮޕްޓަރެއްގައި ވައިގެ ތެރޭގައި ޖެހިގެންނެވެ.

މި އެކްސިޑެންޓު ހިނގި އިރު އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓުގައި 60 ފަސިންޖަރުންނާއި 4 ފަޅުވެރިން ތިބި ކަމަށް އެ އެއާލައިންސް އިން ވަނީ ބުނެފައެވެ. މި ހާދިސާގެ ވީޑިއޯތައް ދައުރުވެފައިވާއިރު، ވީޑިއޯތަކުން ފެންނަ ގޮތުގައި ވައިގެ ތެރޭގައި ބޮޑު ގޮވުމެއް ގޮވާފައިވާއިރު، ރޯވެފައި އޮތް މަތިންދާބޯޓު ވަނީ ޕޮޓޯމެކް ކޯރަށް ވެއްޓިފައެވެ.