ބޭންކް އޮފް މޯލްޑިވްސް އިން 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ހޯދައިފިއެވެ.
މި ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިން ވަނަ ކުއާޓަރާއި އަޅައިބަލާއިރު 47 ޕަސެންޓު ކުރިއެރުމެކެވެ. ބީއެމްއެލް އިން ބުނި ގޮތުގައި ސާފު ފައިދާ އިތުރުވެފައިވަނީ ޕްރޮވިޒަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމުންނެވެ.
ހަަމަ އެހެންމެ 2024 އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުން ދައްކާ ގޮތުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. މިއީ 2023 ވަނައަހަރާ އަޅައިބަލާއިރު 4 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ޖުމްލަ އެސެޓް ވެސް ވަނީ 2023 ވަނަ އަހަރަށް ވުރެ 3 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
މީގެ އިތުރުންވެސް ބޭންކުން ދޫކުރަމުންދާ ލޯނުގެ ފެންވަރު ރަނގަޅުވެ، މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އާ ލޯނުދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.
މި ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދިމެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ފާއިތުވި އަހަރު ބޭންކަށް އަގު ހުރި މަސައްކަތްތަކެއް ކޮށްދެއްވި މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ. "2024 ވަނަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ހިދުމަތްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދޭ. 2025 އަހަރު ބޭންކުން މަސައްކަތްކުރާނީ މި ލިބުނު ނަތީޖާއާއެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާއެކު. އަދި ދިވެހިރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދ،ީ ކަސްޓަމަރުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހޯދާ ދިނުމަށް" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ބީއެމްއެލްއިން ވަނީ މިދިޔަ ކުއާޓަރުގައި 2025 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް "މުޅި ރާއްޖެއަށް ބީއެމްއެލްއޭޓީއެމް" މަޝްރޫއު އިއުލާންކޮށްފައެވެ. އަދި ޖަމިއްޔާތައް ބާރުވެރިކުރުވައ،ި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުއް ހިންގުމަށް "ބޭންކް ފަންޑް" ލިބޭ 5 ފަރާތެއް ވެސް ހޮވާފައި ވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗ،ް 95 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 150 އޭޓީއެމް، އޭޖެންޓު ބޭންކިންގް ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެއަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެއެވެ.