ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ރައީސް އޮފީހުގެ ތަރުޖަނާމު ހީނާ ވަލީދު ދޮގުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ނޫސްވެރިކަމާ އިންޓާނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރަން ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ކުރިން ވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތުކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމްކޮށް ދެމެހެއްޓުން ކަމަށެވެ.

ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕީއެންސީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.