ވެރިކަންކުރާ ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށް ވަގު ފޯމު ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގުމަށް އެދި އިދިކޮޅު އެމްޑީޕީން ފުލުހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ، ޕީއެންސީ އަށް މެންބަރުން ވަގަށް ވައްދާ މައްސަލައިގައި ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 3،000 އަށް ވުރެ ގިނަ ޝަކުވާ އެމްޑީޕީގެ ތެރެއިން ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން 68 މެންބަރެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މަހްފޫޒު ވިދާޅުވީ ހެކިންގެ ގޮތުގައި ޕީއެންސީގެ ފޯމުތަކުގައި ސޮއިކުރި މީހުން ދިނީ ދޮގު ހެކި ކަމާއި، އެ މީހުންގެ ކުރިމަތީގައި ސޮއިކުރި ކަމަށް ބުނި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހްގީގުކުރުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
"އަދި މީގެ އިތުރުން މުޅި މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވާ ގޮތް އެއީ ފުލުހުން ބަލަން ޖެހޭ މައްސަލައެއް، އަޅުގަނޑުމެން ހުށަހަޅާފަ މި އޮތް 68 މައްސަލައިގެ ތެރެއިން އެންމެ މައްސަލައެއް ފުލުހުން ތަހްގީގުކުރަން ނިންމި ނަމަވެސް ނިޔުޅުވިގެން ދާނެ މި ހަރަކާތް ހިންގާފައިވާ ގޮތް،" މަހްފޫޒު ވިދާޅުވިއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުން ވަގު ފޯމުތައް ފުރުމަށް ދައުލަތުގެ ވަސީލަތްތައް ޕީއެންސީން ބޭނުންކުރިކަން އެނގެން އެބައޮތް ކަމަށާއި، އެހެންވެ އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާނެ ކަމުގައި ވެސް މަހްފޫޒު ވިދާޅުވިއެވެ. އަދި މައްސަލަތައް ބެލުމަށް އޭސީސީ އާއި ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އަރިހުން އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް މި މައްސަލަތައް ތަހްގީގުކޮށް ނިމެންދެން ޕީއެންސީގެ ފޯމްތައް ޕްރޮސެސްކުރުން މަޑުޖައްސާލަން އެމްޑީޕީން އެދުނު ނަމަވެސް، މި މަހުގެ 31 އިން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ވުމަށް އެދި ހުށަހަޅާ ފޯމުތައް ޕްރޮސެސްކުރުން މަޑުޖައްސާލަން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި މަހްފޫޒު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވަނުމަކީ އާންމުންނަށް ގާނޫނުން ލިބޭ އަސާސީ ހައްގެއް ކަމަށާއި، އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށް އެގޮތަކަށް ނުނިންމޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ލިބިފަ ހުރި ފޯމުތަކަށް ވަކިވަކިން ބަލާލިކަމުގަ ވީ ނަމަވެސް ހަމަ ފާހަގަކުރެވޭ އެއް ކަމަކީ އެމްޑީޕީ އަށް ނިސްބަތްވާ 3،000 އަށް ވުރެ ގިނަ މީހުންގެ ޝަކުވާ އަޅުގަނޑުމެންނަށް ވަނީ ލިބިފަ، މީގެ ތެރޭގަ ޝަކުވާތަކުގެ މައްޗަށް ބަލާލައިފި ކަމަށްވާ ނަމަ އެބަހުރި ކުރީގެ އައިޑީކާޑުގެ ފޮޓޯ ބޭނުންކޮށްފަ ފޯޖު ސައިން (ސޮއި) ބޭނުންކޮށްފަ، ދެން ފިންގަޕްރިންޓް ފޯޖުކޮށްފަ ހުރި ކަމަށް ތުހުމަތު އެބަ ކުރޭ އެ ޕާޓީގެ މެމްބަޝިޕް ފޯމް ހުށަހެޅި ކަމަށް ބުނާ ފަރާތުން، އެފަދަ ޝަކުވާތަކެއް މި އަންނަނީ އަޅުގަނޑުމެންނަށް،" އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ޝިޔާމް ވިދާޅުވިއެވެ.
މި ކަމަކީ ޕީއެންސީ އަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، މި ކަމަކީ ސަރުކާރުގެ އިދާރާތަކާއި ވުޒާރާތައް އިންތިޒާމުވެގެން ހިންގި ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން އާންމުންގެ މަސްލަހަތު ހިމެނޭ މިފަދަ މައްސަލަތައް ބެލުމަށް ޕްރޮސެކިއުޓަރު ޖެނެރަލް ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވާ ކަމަށާއި، ނަމަވެސް ވަގު ފޯމު ހުށަހެޅި މައްސަލަ ބެލުމަށް ޕްރޮސެކިއުޓަރު ޖެނެރަލް އަމުރުކުރައްވާފައި ނުވުމުން މި ކަމުގައި ސަރުކާރުގެ ހިއްސާއެއް ވާ ކަމަށް ބެލެވޭ ކަމަށެވެ.
"ޕޮލިހަށް ހުށަހެޅި މައްސަލައިގަ ހާއްސަ ގޮތެއްގަ އަޅުގަނޑުމެން އެދުނިން، މިނިސްޓަރު އަލީ އިހުސާން އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފޯމުގެ ހެކިންގެ ގޮތުގަ ސޮއިކުރި އެއް ފަރާތް، އޭގެ އިތުރަށް ހެކިންގެ ގޮތުގައި ސޮއިކުރި އެންމެހާ ފަރާތްތަކާއި މި ކަމުގަ ޝާމިލްވި ޑީއެންއާރުގެ އިސް މުވައްޒަފުންނާއި ޖުމްލަ ގޮތެއްގައި މި ކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް މި ތަހްގީގު އަމާޒުކޮށްދެއްވުމަށް،" މަހްފޫޒު ވިދާޅުވިއެވެ.
މަހްފޫޒު ވިދާޅުވީ، ފުލުހުން މި މައްސަލަ ތަހްގީގުކުރާއިރު އެއް ނަންބަރަކާއި އެއް ހެކިވެރިއެއް ޖަހާފައި ހުރި ފޯމުތަކުގެ މައްސަލަ ބެލޭނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ޕީއެންސީގެ ފޯމުތަކެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ޑީއެންއާރުގެ މުވައްޒަފުން ފުރަން ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުވެފައިވެއެވެ. އަދި މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވަން އިހުސާން ހުންނަވާ ފޮޓޯއެއް ވެސް އާންމުވެފައިވެއެވެ. މި މައްސަލައިގައި އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ މައްސަލަ ތަހްގީގުކޮށް ނިމެންދެން އިހުސާން މަގާމުން އެކަހެރިކުރަން ޖެހޭ ކަމަށާއި، ރަނގަޅު ގޮތަކީ އިސްތިއުފާދެއްވުން ކަމަށެވެ.