ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގައި މުހައްމަދު ނިޒާމް ކުރިން ތަހުގީގަށް ދިން ބަޔާންތަކަކީ ފުލުހުން އަނިޔާކޮށްގެން ދިން ބަޔާންތަކެއް ކަމަށް ނިޒާމްގެ ދިފާއީ ވަކީލު ބުނެފިއެވެ.

ތެޔޮ ބޯޓެއްގައި ޑިސެމްބަރު 28، 2022 ގައި ދިޔަ ދެމީހަކު ގެއްލިގެން ފުލުހުންނަށް އެ ދުވަހު ވަނީ ރިޕޯޓް ކޮށްފައެވެ. އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ކ. ހުޅުލެ ނެރު ކައިރިން އޭގެ އަނެއް ދުވަހު ފެނިފައިވީ ނަމަވެސް އެ ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް ހައްޔަރު ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އޭނާ ފެނިގެން މީހަކު ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ލިޓަން މޫދަށް ވައްޓާލައިގެން ނިޒާމު އޭނާ މަރާލީ ކަމަށް ތުހުމަތުކޮށް މަރުގެ ދައުވާ ނިޒާމްގެ މައްޗަށް އުފުލާފައެވެ. ޕީޖީން މީގެކުރިން ވަނީ ލިޓަން މަރާލާފައިވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވާ ކަމަށް ބުނެފައެވެ.

ލިޓަން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި މިކަން ހިނގާފައިވަނީ ޑިސެންބަރު 28، 2022 ދުވަހުގެ ރޭ 7 އާއި، 08:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް ޕީޖީން ވަނީ ބުނެފައެވެ. އަދި އެ ދޯނީގައި ލިޓަންގެ 51،000 އަށް ވުރެ ގިނަ ފައިސާ، ނިޒާމް ވަގަށް ނަގާފައިވާ ކަމަށްވެސް ޕީޖީއިން ވަނީ ބުނެފައެވެ.

އެއާއެކު ނިޒާމުގެ މައްޗަށް ވަނީ އެނގިހުރެ މީހަކުމެރުމުގެ ކުށުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ. ނަމަވެސް މި 3 ދައުވާއަށްވެސް އޭނާ އިންކާރުކޮށްފައި އޮތުމުން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތް ފެށުމުގެ ގޮތުން ދެ ފަރާތުން އިފްތިތާހީ ބަޔާން ވަނީ އިއްވާފައެވެ.

ނިޒާމުގެ ދިފާއީ ވަކީލު ވިދާޅުވީ މީގެ ކުރިން ނިޒާމު ތަހުގީގަށް ދިން ބަޔާނުގައި ލިޓަން މޫދަށް ކޮއްޕާލި ކަމަށް ބުނެފައިވަނީ ފުލުހުން އޭނާއަށް އަނިޔާކޮށް ބިރު ދެއްކުމުގެ ގޮތުން ވާހަކަތަކެއް ދައްކައިގެން މަޖުބޫރުކޮށްގެން ކަމަށެވެ. ނަމަވެސް ލިޓަން މޫދަށް ކޮއްޕާލި ކަމަށް ނިޒާމު މިހާރު އިންކާރު ކުރެއެވެ.

ނިޒާމްގެ ދިފާއީ ވަކީލު މިފަދައިން ފާހަގަކުރުމާއި ގުޅިގެން ދައުލަތުގެ ވަކީލު ފަރަހަނާޒު މުހައްމަދު ދީދީ ނިޒާމު ބަޔާން ދިނީ މަޖުބޫރު ކަމެއް ނެތި ކަން ސާބިތު ކުރުމަށް ހެކި ހުށަހެއްޅުވުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަތުމުން، މައްސަލަ ބައްލަވާ ގާޒީ ވަނީ އާންމު އުސޫލުން ދައުލަތަށް އެ ފުރުސަތު ލިބޭނެކަން ފާހަގަކުރައްވާފައެވެ.