އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫ ސިޓީގެ ގުޅިގައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ހައުސްގައި ބޭނުންކުރާ 20 އިންޖީނުގެ ތެރެއިން 5 އިންޖީނަކަށް މައްސަލަ ދިމާވެފައިވާއިރު ފެނަކައިން ބުނީ މީގެ ތެރެއިން އެއް އިންޖީނުގެ މައްސަލަ މިއަދު ހައްލުވާނެކަމަށެވެ.
މީގެ އިތުރުން ފެނަކައިން ވަނީ މައްސަލަ އެއްކޮށް ހައްލުކުރެވެންދެން ކަރަންޓު ލޯޑު ހިފެހެއްޓުމަށްޓަކާ، ގުޅިފައިވާ އަވަށްތަކުގެ އެކި ސަރަޙައްދުތަކުން ވަކި ތާވަލަކާ އެއްގޮތަށް ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާކަމަށް ބުނެފައެވެ. މިމައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް ކަރަންޓުގެ ހިދުމަތް އާންމު ހާލަތަށް ގެނައުމަށް ފެނަކައިން މެދު ނުކެނޑި މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ދިމާވެފައި ވާއިރު، އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ގިނަ ގެއްލުންތައް ލިބެމުންދާ ކަމުގެ ޝަކުވާތައް ބޮޑެވެ. މިހާރުވެސް އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫ ގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުން އަންނައިރު އައްޑޫގެ ކަރަންޓުގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާ މައްސަލައެއް ކަމުގައި އެ ސިޓީގެ ރައްޔިތުން ފާހަގަ ކުރެއެވެ.