މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އެ އެއާލައިނަށް ގެންނަ އޭ330 މަރުކާގެ ބޯޓު ގެނައުން ފާހަގަކުރުމަށް ބާއްވާ އެއާ ޝޯގައި ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީއަށް ހާއްސަ މުބާރާތެއް އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަން އިން ބުނީ އަންނަ ހޯމަ ދުވަހު މާލެ އާއި ހުޅުމާލޭގައި ބާއްވާ އެއާ ޝޯގެ މަންޒަރުތައް ފޮޓޯނަގައިގެން އަދި ވީޑިއޯކޮށްގެން އެ މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އެ މުބާރާތުގައި ބައިވެރިވުމަށް ޕްރޮފެޝަނަލް ފޮޓޯ ނުވަތަ ވީޑިއޯގްރަފަރަކަށް ވާން ނުޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެއާ ޝޯގެ ވީޑިއޯ އާއި ފޮޓޯ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި ޕޯސްޓުކުރަންޖެހޭއިރު ފޮޓޯ ނުވަތަ ވީޑިއޯ ޕޯސްޓުކުރަން ވާނީ MaldivianAeroAirshow# ހޭޝްޓެގާ އެކު މޯލްޑިވިއަންގެ ސޯޝަލްމީޑިއާ އެކައުންޓު ޓެގުކޮށްކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. އަދި ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރާއިރު، އެކައުންޓު ޕަބްލިކު ކުރަން ޖެހޭނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މުބާރާތުގެ ވަނަތައް:
- މި މުބާރާތުގެ އެއް ވަނަ އަށް ދާ ފަރާތަކަށް ދެ މީހެއްގެ އެއާ ޓްރާންސްފާއާ އެކު ފައިވް ސްޓާ ރިސޯޓަކުން ދެ ރޭ ހުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެއެވެ.
- ދެ ވަނައަށް ދާ ފަރާތަކަށް އިންޑިއާގެ ޓްރެވިންޑްރަމް ނުވަތަ ކޮޗިންއަށް ދެ މީހެއްގެ ރިޓާން ޓިކެޓު ލިބިގެން ދާނެއެވެ. އަދި އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެއެވެ.
- ތިން ވަނަ އަށް ދާ ފަރާތަކަށް ބޭނުން ޑޮމެސްޓިކް ޑެސްޓިނޭޝަނަކަށް ދެ މީހެއްގެ ރިޓާން ޓިކެޓާއި އެއާބަސް އޭ 330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެއެވެ.
އެއާޝޯގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިވަނީ:-
- ހުޅުމާލެ ފޭސް 1ގެ އިރުމަތީ ސަރަހައްދު ބީޗު
- ހުޅުމާލޭ ފޭސް 2ގެ އިރުމަތީ ފަރާތު ބީޗު
- މާލޭ އުސްފަސްގަނޑު ސަރަހައްދުގައި
މޯލްޑިވިއަންއިން އެއާ ޝޯ ބާއްވަނީ ހޯމަ ދުވަހުގެ ހަވީރު 5:00-5:30 އަށެވެ.