ގާޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލު ފައުޖުން ހުޅުޖަހާ ގާޒާގެ ކަމާލް އަދްވާން ހޮސްޕިޓަލު އަންދާލާ ބަލިމީހުންނާއި މުވައްޒަފުން އެތަނުން ނެރުމަށް މަޖުބޫރުކުރުވި އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަަމަށާއި، އެއީ ބައިނަލްއަގުވާމީ އިންސާނިއްޔަތާބެހޭ ގާނޫނާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ މުޅިން ހިލާފު، ނުރައްކާތެރި އަމަލެއް ކަމަށެވެ.
އިޒްރޭލުގެ ހަރުކަށި ހަމަލާތައް ހުއްޓާލުމަށާއި، ހަމަނުޖެހުންތައް ނައްތާލައި، ކުށެއް ނެތް އާންމުން ހިމާޔަތްކޮށް، އެ ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ސަރުކާރުން ގޮވާލާ ގޮވާލުން ވަނީ ތަކުރާރުކޮށްފައެވެ. ހަމައެއާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އަދުލުއިންސާފާއި ދައުލަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ބަޔާނުގައި ވަނީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށްކަމަށާއި އެގޮތުން ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅާ މިނިވަން މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ކަމަށް ގާއިމުކުރެވިގެން ކަމަށެވެ.
ހުއްޓުމެއް ނެތި މި ވޭތުވެ ދިޔަ އަހަރަކަށްވުރެ ގިނަ ދުވަހު ގާޒާއަށް ހަމަލާ ދެމުން އަންނަ އިރު، މިހާތަނަށް ގާޒާއިން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 43،020 އަށް އަރާފައެވެ. އޭގެތެރެއިން ޝަހީދުވި ކުޑަކުދިންގެ އަދަދަކީ 16750 ކަމަށް ރިޕޯޓް ތަކުން ބުނާ އިރު، 10،000 އަށް ވުރެ ގިނަ މީހުން ގެއްލިގެން ވަނީ ރިޕޯޓް ކޮށްފައެވެ. މި ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި ގާޒާއިން ޒަހަމްވި މީހުންގެ އަދަދު ވެސް މި ވަނީ 101،110 އަށް އަރާފައެވެ.
ހަމައެއާއެކު އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކުން މިހާތަނަށް 763 މީހަކު ޝަހީދުވެފައިވާ އިރު، އޭގެތެރޭގައި 166 ކުޑަކުދިން ހިމެނެއެވެ. އެ ސަރަހައްދުން ޒަހަމްވި މީހުންގެ އަދަދު ވަނީ 6250 އަށް އަރާފައެވެ.