އެޗްޑީސީގެ މައްސަލަތައް ފާހަގަކޮށް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު ފޮނުއްވި ކަމަށް ބުނާ ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށާއި، އެ ސިޓީ ލިބިވަޑައިގެންނެވި ނަމަ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ބޭރުގައި ބައެއް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ތެރޭ ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ބޭނުންފުޅު ވަނީ ކޮރަޕްޝަނާ ދުރު ސަރުކާރަކަށް މި ސަރުކާރު ހެއްދެވުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކަންކަން އެނގިވަޑައިގަންނަވާ ހިސާބުން ފިޔަވަޅު އަޅުއްވާފައި ވާނެ ކަމަށެވެ.

"އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަންކުރާ ކަށް ނޫން، ކޮރަޕްޝަން ހިންގާކަށް ނޫން، ގަވައިދާ ހިލާފު ކަމެއް ކުރާކަށް ވެސް ނޫން، އޭގެ ބަދަލުގަ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގަ ރައްޔިތުންނަށް ހިދުމަތް ދިނުމަށް،" ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ އެކަމަށް ހުރަސް އެޅޭ ގޮތަކަށް ނޫނިއްޔާ އެ ނޫން ގޮތަކަށް ކަމެއް ކުރާ ކަމަށް ގަބޫލުކުރެވޭ ނަމަ އަޅުގަނޑު އެ މީހަކު އެ ތަނުން ދުރުކުރާނަން ނޫނިއްޔާ އެކަން ހުއްޓުވާނަން،"

މި ސަރުކާރުގެ ތެރޭ ކޮރަޕްޝަނަށް ޖާގަ ނޯންނާނެ ކަމަށް ވިދާޅުވެ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ. ކޮރަޕްޝަން ހުއްޓުވުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގައި ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރުމުގެ މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގުގެ ތެރެއިން، މި ކަމުގައި ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އެއީ އެއްގޮތަކަށް ވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫން ކަނޑައެޅިފަ އޮންނަ އުސޫލުތަކާ ހިލާފަށް ނޫނިއްޔާ ގަވައިދުތަކާ ހިލާފަށް މީހަކަށް ގޯއްޗެއް ދިނުން ފްލެޓެއް ދިނުން ނޫނިއްޔާ އެއްވެސް އެއްޗެއް ދިނުމަކީ ނޫނިއްޔާ ނުދިނުމަކީ ވެސް،" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އައްޔަންކޮށްފައި ވަނިކޮށެވެ.

މަގާމުން އިސްތިއުފާ ދެއްވަމުން ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫންކަމަށާއި، އެދެނީ އެ ތުހުމަތު ތަކުގެ ހަގީގަތް ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހާމަވުމަށް ކަމަށެވެ.

ފަޒުލް ވިދާޅުވީ މި ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުންނާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތު ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފުލުހުން ވަނީ ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ބުނެފައެވެ.

ފަޒުލް އިސްތިއުފާދެއްވީ މި މައްސަލައިގައި އޭނާ އާއި އެޗްޑީސީގެ ބޯޑުގެ މެންބަރުން ސަސްޕެންޑުކޮށްފައި ވަނިކޮށެވެ.