ކުރީ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން މައްސަލައިގެ ތަހްގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އެ ހިދުމަތުން އިސްވެ ހިންގާ ތަހްގީގެއް ކަމަށް ފުލުހުން ބުނެފިއެވެ.

އެޗްޑީސީގެ ލިޔެކިޔުންތަކެއް ފޯޖުކޮށް 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކުރި މައްސަލަ ބަލަމުންދާ ކަން ފުލުހުން ހާމަކުރީ އިއްޔެއެވެ. ނަމަވެސް މާ ބޮޑު ތަފްސީލެއް ފުލުހުން މީޑިއާ އާ އޭރު ހިއްސާނުކުރެއެވެ.

މިއަދު މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެޗްޑީސީގެ ލިޔެކިއުންތަކެއް ފޯޖުކުރި މައްސަލައިގައި ފުލުހުން ފަށާފައިވަނީ ޖިނާއީ ތަހުގީގެއް ކަމަށާއި، މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ހިންގާ ތަހުގީގެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ލިސްޓުން ދައްކާ ގޮތުން ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ. ދެން ހިމެނެނީ އަބްދުލް މަޖީދު މާހިރު ނަމަކަށް ކިޔާ މީހެކެވެ.

މި ބިންތަކުގައި ފާރު ރޭނުމުގެ ހުއްދަ އަށް އެޗްޑީސީން އެދުނީ މިދިޔަ ޖުލައި މަހު ނަމަވެސް ހައުސިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކެއް ނޫނެވެ.

މި މައްސަލައިގައި ފަޒުލް ހިމެނޭހެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި އެޗްޑީސީގެ ބޯޑު މެންބަރުންނާއި ފަޒީލް މަގާމުތަކުން ވަނީ ސަސްޕެންޑުކޮށްފައެވެ.