އަލިފާނުގެ ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަންމަންޓް އެންޑް އެނާޖީ، އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގިނަ މިނިސްޓްރީތަކެއް ހިންގަމުންދިޔަ ގްރީން ބިލްޑިންގައި މިދިޔަ ބުރާސްފަތި ދުވަހު އަލިފާން ރޯވެ މުޅި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. އެއާއެކު މިނިސްޓްރީތަކުން ދެމުންދިޔަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަގުތީ ސެޓްއަޕެއް ދަރުބާރުގޭގައި ގާއިމްކޮށް، ހިދުމަތް ދޭން ފަށާފައިވާއިރު ރައީސް މިއަދު ވަނީ އެތަނުގެ ހިދުމަތްތައް ދެމުންދާ ގޮތް އަމިއްލަފުޅަށް ބައްލަވާލައްވާ އެ މިނިސްޓްރީތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އަލިފާނުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިދިޔަ ނަމަވެސް އެ ހާލަތުގައި މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ "ޕޮސިޓިވް އެޓިޓިއުޑް" އާއި ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށް ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާފައެވެ.

އަދި ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ ފާހާނަ އިތުރުކުރުމަށާއި، ކެފެޓީރިއާގެ ހިދުމަތް ދިނުމަށާއި، ދެންވެސް މަދުވާ އިލެކްޓްރޯނިކްސް، ކޮމްޕިއުޓާ ސިސްޓަމް ފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.

އަދި ހަމައެހެންމެ އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަން ފާހަގަކުރެއްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލައްވާފައިވާ ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

އަދި ހަަމައެހެންމެ ސަރުކާރުގެ ކުންފުނިތަކުންނާއި އެކި މުވައްސަސާތަކުން އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރަތް އަނދާދިޔަ ތިން މިނިސްޓްރީއަށް އާންމު ހާލަތަށް ދިއުމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.