އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް 32، އާއި އޭނާގެ ލޯބިވެރިޔާ ބެނީ ބްލާންކޯ އެންގޭޖް ވެއްޖެއެވެ.
އެންގޭޖް ވުމަށް ފަހު އިންސްޓަގްރާމަށް ސެލީނާ ވަނީ ފޮޓޯތައް ޕޯސްޓްވެސް ކޮށްފައެވެ. ލަވަކިޔުންތެރިޔާ އެންގޭޖްވިކަމުގެ ހަބަރާއެކު ގިނަ އަދަދެއްގެ ސެލެބްރިޓީން އޭނާ އަށް މަރުހަބާ ކިޔަމުން އަންނައިރު ފޭނުންވެސް އަންނަނީ ސެލީނާއަށް މަރުހަބާ ކިޔަމުންނެވެ. މިދިޔަ އަހަރުތެރޭގައި ލޯބީގެ ގޮތުން މިދެތަރިން ގުޅުނުއިރު އޭރު ސެލީނާ ބުނީ، ބެނީ އަކީ އޭނާގެ ހަޔާތަށް އައި އެންމެ ކަމުދާ މީހާ ކަމަށާއި އެވަރުގެ ބައިވެރިޔަކާ މީގެ ކުރިން އަދި ދިމާނުވާކަމަށެވެ. އަދި ބެނީ އާ އޭނާގެ ގުޅުން ކުރިއަށްދާ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ސެލީނާ ވަނީ ބުނެފައެވެ.
ސެލީނާ އާއި ބެނީ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު މިދިޔަ އަހަރު މާޗު މަހު ވަނީ ސެލީނާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރިފައެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރުނީ ނިއު ޔޯކް ރެސްޓޯރަންޓެއްގައި ދެމީހުން އަތުގުޅުވައިގެން ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކުއެވެ.
ގިނަ މަޝްހޫރު ތަރިންނާ ލޯބީގެ ގޮތުން ގުޅުނު ސެލީނާ ގޯމޭޒް އެންމެ ފަހުން ގުޅުނީ ނިކް ޖޯނަސް އާއި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ގުޅުނު ބައެއް ތަރިންގެ ތެރޭގައި ވީކެންޑް، ނިކް ޖޯނަސް، ޗާލީ ޕުތް، އޯލަންޑޯ ބްލޫމް އަދި ޖަސްޓިން ބީބާ ހިމެނެއެވެ. 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އޮން އެންޑް އޮފް ކޮށް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާ އެކު އުޅުމަށް ފަހު ދެމީހުން ވަނީ ރަސްމީކޮށް 2018 ވަނަ އަހަރު އެ ގުޅުން ނިންމާލާފައެވެ. ޖަސްޓިން ބީބާ މިހާރު އުޅެނީ މޮޑެލް ހެއިލީ އާ ކައިވެނި ކޮށްގެންނެވެ.