މަސްވެރިންނަށް ފައިސާ ދިނުމަށް އުސޫލުތަކާ ހިލާފަށް 700 މިލިއަން ރުފިޔާގެ އޯވާޑްރާފްޓް ފެސިލިޓީއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.
އިއްޔެ "އަދަދު" ނޫހުން ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައިވާ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މެދުވެރިކޮށް މަސްވެރިންނަށް ބީއެމްއެލުން އެ ކުންފުންޏަށް 700 މިލިއަން ރުފިޔާގެ އޯވަޑްރޯ ފެސިލިޓީއެއް ވަނީ ހަމަޖައްސާދީފައެވެ. އެ ނޫހަށް ލިބުނު މައުލޫމާތަކަށް ރިއާޔަތްކޮށް ޝާއިއުކުރި އެ ހަބަރުގައި ވަނީ އެ އޯވާޑްރާފްޓު މެދުވެރިކޮށް ނަގާ ފައިސާ އަނބުރާ ދައްކަން ޝަރުތުކޮށްފައި ވަނީ ޑޮލަރުން ކަމުގަ އެވެ.
ނަމަވެސް އެ ހަބަރުތައް ދޮގުކޮށް އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަސްޓަމަރުންނަށް ހިދުމަތްދެމުން އަންނަނީ ބޭންކިން ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ބަލްކް ޓްރާންސްފާގެ ހިދުމަތް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ދެމުން އަންނަނީ އާންމު އުސޫލުތަކާ އެއްގޮތަށް ކަމަށް ބީއެމްއެލުން ބުންޏެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން 700 މިލިއަން ރުފިޔާގެ އޯވާޑްރާފްޓެއް އާންމު އުސޫލުތަކާ ހިލާފަށް ދޫކޮށްފައިވާ ކަމަށްބުނެ އަދަދު ނޫހުގައި ލިޔެފައިވާ ހަބަރު މި ބޭންކުން ދޮގުކުރަމެވެ. އަދި ބޭންކުގެ އިތުބާރު ގެއްލޭ ފަދަ ގޮތަށް ހަބަރު ޝާއިއުކޮށްފައިވާތީ އެކަން ކުށްވެރިކުރަން" ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވެއެވެ.
އެ ބޭންކުގެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންގެ ރައްކާތެރިކަމަށްވީ ހިނދު، ބޭންކުން އަބަދުވެސް އަމަލުކުރަމުންދާނީ ބޭންކުން އަމަލުކުރަމުންދާ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅަކަށްވާއިރު މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުވެވަޑައިގެންނެވި ގޮތަށް އިއްޔެއިން ފެށިގެން ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކުން މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެކަން ކުރަނީ ފިނޭންސް މިނިސްޓްރީ އާއި މިފްކޯ އަދި ބީއެމްއެލް އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.