ރައީސުލްޖުމްހޫރިއްޔާ އާންމުންނަށް އަނިޔާވެރިވުމުން އާންމުން ކުޅޭނީ ތާރީހުގެ ފޮތްތަކުން ކަމަށާއި، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަށް ހެދިހެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދަން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވުމާ ގުޅިގެން އެޗްއާރްސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި" ޖަލްސާއަށް ތައްޔާރުވާން ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވަނީ ކުރީގެ ރައީސް އަމީންގެ ވެރިކަމާއި އަމީންގެ ނިމުން އައި ގޮތާ ގުޅުވައިގެން މިހާރުގެ ސަރުކާރާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.
އެ ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވަނީ އެވާހަކަތައް ދިފާއުކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ޖަލްސާއެއްގައި ޕޯޑިއަމަކަށް އަރާ ހުރެ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ކަންކަން ވެރިންނަށް ހަނދާންކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަދި ތާރީހަށް ބަލާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަން ހިނގާ ގޮތަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވީ، ބަޔަކަށް އަނިޔާވެރި ވެއްޖެއްޔާ އަނިޔާވެރިވާނެ ކަމަށެވެ. ހަމައެހެންމެ ރައްޔިތުންނަށް އަނިޔާވެރި ނުވުމަށް ގޮވާލައްވަމުން ފައްޔާޒް ވިދާޅުވީ އަނިޔާވެރި ވެއްޖެ ނަމަ ތާރީހުގެ ފޮތްތަކުން ރައްޔިތުން ކުޅޭނެ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ވަރަށް ފުޅާކޮށް ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހައްގެއް ނަމަވެސް އެ ހައްގުގެ ބޭނުން ކުރަން ވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކާގެ ހައްގުތަކަށް އިހްތިރާމް ކުޑަ ނުވާނެ ގޮތަކަށް ކަމަށެވެ.
އަދި ހަމައެހެންމެ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި ސޯޝަލް މީޑިއާގައި ޒަރިއްޔާއިން ފާޅުކުރާ ހިޔާލުތަކުގައި މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖްތަމައުގެ ހަމަޖެހުމާއި މުޖްތަމައުގެ މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅު ކުރާ ހިޔާލުތަކަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން އެފަދަ އަމަލުތައް ކުށްވެރިކޮށް އެޗްއާރްސީއެމް އިން ގޮވާލާފައި ވަނީ އެފަދަ އަމަލުތައް ނުކުރުމަށެވެ.
"ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކޮށް، މިފަދަ ކަންކަން ނުހިނގާނެ ގޮތަށް ސިޔާސީ ހަރަކާތްތައް ރޭވުމަށް އިސްކަންދިނުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލަން" އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.