ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ކޮންމެ މަހަކު މާރުކުރުމުގެ އިހްތިޔާރު ދޭ ގޮތަށް ހިމަނައި ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތަކާއި ރާއްޖޭގައި ބޭރު ފައިސާ އިން މުއާމަލާތް ކުރާނެ އުސޫލުތައް ކަނޑައަޅައި މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބޭރު ފައިސާ އާ ބެހޭ ބިލުގައިވާ ގޮތުން، މި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ބޭރު ފައިސާއިން ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ މުއާމަލާތްތައް ފިޔަވައި ރާއްޖޭގައި ފައިސާއިން ކުރެވޭ ހުރިހާ މުއާމަލާތެއް ކުރަން ވާނީ ރުފިޔާއިންނެވެ.

މި ބިލުގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބޭންކުތަކާއި ފައިނޭންސިން ކުންފުނިތަކުން ދޭ ހިދުމަތްތަކާއި އެ ތަންތަނުގެ ކަސްޓަމަރުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ރެމިޓެންސްގެ ހިދުމަތްދޭ ފަރާތްތަކާއި އެ ތަންތަނުގެ ކަސްޓަމަރުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • އިންޝުއަރެންސް ކުންފުނިތަކުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކަށް ވިއްކާ ޕޮލިސީ އާ ގުޅިގެން އެ ފަރާތްތަކާއި ކަސްޓަމަރުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ރާއްޖޭގެ ސެކިއުރިޓީޒް މާކެޓުގައި ކުރާ މުއާމަލާތްތައް
  • ބައިނަލްއަގުވާމީ އެކި މުއާމަލާތްތައް

މީގެ އިތުރުން ފަތުރުވެރިންނަށް ވިއްކާ މުދަލާއި ދޭ ހިދުމަތުގެ އަގާއި ބޭރު ފައިސާއިން އާމްދަނީ ހޯދާ ވިޔަފާރިތަކުން ބޭނުންނަމަ އެ ވިޔަފާރިތަކުން މުވައްޒަފުންނަށް ބޭރު ފައިސާއިން މުސާރަ ދިނުމާއި ހިއްސާދާރުންނަށް ޑިވިޑެންޑް ދިނުން ފަދަ މުއާމަލާތްތައް ބޭރު ފައިސާއިން ކުރުން، މި ބިލު ފާސްވެއްޖެ ނަމަ ހުއްދަ ވާނެއެވެ.

ހަމަ އެއާއެކު ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަނާއި މަދުވެގެން އަހަރަކު 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ލިބޭ އާމްދަނީން ބައެއް ދެ ގޮތަކަށް ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށް ވެސް މި ބިލުގައި ވެއެވެ. އެއީ:

  • ރިސޯޓުތައް ނަމަ އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން، ގެސްޓްހައުސް ފަދަ ވިޔަފާރިތައް ނަމަ 25 ޑޮލަރުގެ ރޭޓުން
  • ނުވަތަ ކޮންމެ މަހަކު އެ ތަންތަނަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު

މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ، ބިލުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް 10 ހާސް ރުފިޔާ އާއި 1 މިލިއަން ރުފިޔާ އާ ދެމެދު ޖޫރިމަނާކުރެވޭނެއެވެ. އަދި ބޭރު ފައިސާއިން ޖޫރިމަނާކުރުމުގެ އިހްތިޔާރު މީރާ އަށް ލިބިދީފައި ވެސް ވެއެވެ.

ޖޫރިމަނާ ދައްކަން އަންގާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެތެރޭ ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅައި ފައިސާ ހޯދުމުގެ ބާރު ވެސް މީރާ އަށް މި ބިލު ފާސްވެއްޖެ ނަމަ ލިބޭނެއެވެ.