ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ ފަރާތުން މި އަހަރުގެ "ފިޔަވަތި ފަން ޑޭ" ކުރިއަށް ގެންގޮސްފިއެވެ.
މި ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. މެޑަމް ސާޖިދާ ވަނީ ފިޔަވަތި ކުދިންނާއެކު ވަގުތު ހޭދަކުރައްވާ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވާފައެވެ. އަދި އެކުދިންނާއެކު ކޭކު ފެޅުމުގައިވެސް މެޑަމް ސާޖިދާ ވަނީ ބައިވެރިވެލައްވާފައެވެ.
"ފިޔަވަތި ފަން ޑޭ" އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން، މުނިފޫހި ފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި ހަދިޔާ ދިނުމާއެކު އެކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަ ކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތް ވަނީ މުޅި ދުވަހު ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ހެނދުނުގެ ސަޔަށްފަހު ޕިކްނިކާއެކު މޫދު ކުޅިވަރުތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ އެންޓަޓެއިންމަންޓު އަދި ޕޫލް ޕާޓީއެއްވެސް ވަނީ ބާއްވާފައެވެ. އަދި ހަވީރުގެ ސަޔާއެކު "ފަން ޑޭ" ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ބާއްވާ ފިޔަވަތީގެ ކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އިވެންޓުގައި އެޗްޑީސީ އިން ވަނީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިން ރޫމް ހަދިޔާ ކޮށްފައެވެ. މި ގޭމިން ރޫމް އަކީ 240،000ރ. ގެ ފަންޑު ހޯދައިގެން އެޗްޑީސީގެ މުވައްޒަފުން ތަރައްގީ ކުރި ގޭމިން ރޫމެކެވެ. އެޗްޑީސީގެ ފަރާތުން ގޭމިން ރޫމްތައް ހަވާލުކުރެއްވީ އެމްޑީ ފަޒުލް ރަޝީދެވެ. އަދި ފިޔަވަތީގެ ފަރާތުން އެތަކެއްޗާ ހަވާލުވެ ވަޑައިގެންނެވީ ފިޔަވަތި ހިންގުމާ ހަވާލުވެހުންނެވި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސްމާ ހަސަން މަނިކު އެވެ.