ބަންކަރިންގެ ހިދުމަތް އިތުރަށް ފުޅާކުރަން ބޭރުގެ އުޅަނދުތަކުން ރާއްޖެ އައިސް ތެޔޮ ވިއްކުން ފަދަ ކަންކަން ރާއްޖޭގެ ސަރަހައްދުގައި ކުރުން ހުއްޓުވަން ޖެހޭ ކަމަށް އެސްޓިއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން އެމްޕީއެލްއާ ގުޅިގެން ދެ އުޅަނދެއް ބޭނުންކޮށްގެން އޮފްޝޯ ބަންކަރިންގެ ހިދުމަތް ހއ. ހޯރަފުށި ހިމެނޭ އިހަވަންދިއްޕޮޅު ސަރަހައްދުގައި ފަށާފައި ވާއިރު ޝިމާދު ވިދާޅުވީ ބޭރުގެ އުޅަނދުތަކުން ރާއްޖޭގެ ސަރަހައްދުގައި ތެޔޮވިއްކުން ހުއްޓުވުމަށް ގާނޫނުތަކާއި ގަވައިދުތައް ހަރުކަށި ކުރުމަށް އިދާރާތަކާ އެކު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ބަންކަރިންގެ ހިދުމަތް ހޯދުމަށް މިހާރު ވެސް ވަރަށް ބޮޑެތި އިންކުއަރީތައް އަންނަކަން ފާހަގަ ކުރަމުން ޝިމާދު ވިދާޅުވީ މިހާރު އެ ހިދުމަތް ދެނީ އޮފްޝޯ އުޅަނދުތަކެއް ބޭނުން ކޮށްގެން ކަމަށްވުމުން އެސްޓީއޯ އިން އެންމެ ބޭނުންވާ ވަރަށް ހިދުމަތް ދޭން ދަތިތައް ހުރި ކަމަށެވެ. ކޮންމެ އިންވަސްޓްމަންޓެއްގައި ވެސް 'ލައިފް ސައިކަލެއް' އޮންނަކަން ފާހަގަކުރައްވައި ޝިމާދު ވިދާޅުވީ ރާއްޖެ މިއޮތީ އަދި ބަންކަރިންގެ އެންމެ ފުރަތަމަ މަރުހަލާގައި ކަމަށެވެ. މިކަން ތަރައްގީވެ ކުރިއެރުވުމަށް ޕީކަށް ދާއިރު މިއީ ރާއްޖު އޮތް ލޮކޭޝަނަށް ބަލާއިރު ވަރަށް މުހިންމު ސިނާއަތަކަށް ވާނެކަން ގަބޫލު ކުރައްވާކަމަށް ޝިމާދު ވިދާޅުވިއެވެ. އިތުރަށް ޝިމާދު ވިދާޅުވީ މުސްތަގުބަލުގައި ބަންކަރިން އަކީ ރަނގަޅު ނަފާއެއް ލިބޭނޭ ސިނާއަތެއްގެ ގޮތުގައި ފުޅާކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޝިމާދު ވަނީ މި ހިދުމަތަށް އިންވެސްޓްކޮށްގެން ތިބި ދިވެހި ކުންފުނިތަކުގެ ވިޔަފާރި މިހާރު ހިމާޔަތް ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ބޭރުގެ އުޅަނދުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެ ތެޔޮ އަޅައިދިނުން ފަދަ ބަންކަރިންގެ ހިދުމަތްތައް ދޭތީ ގެއްލުންތައް ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެކަމުން އެސްޓީއޯ ފަދަ ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ޝިމާދު ވިދާޅުވީ އެކަން ހައްލުކުރަން ކަސްޓަމްސް އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޓްރާންސްޕޯޓް އޮތޯރިޓީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމަށް ހައްލު ލިބޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.