އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި މީހަކަށް ޖިސްމާނީ އަނިޔާއެއް ދޭނެ ކަމަށް ދޭހަވާ މޭރުމުން ތްވީޓް ކުރިކަމަށް ބަލައި ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން އޭނާއަށް ފޮނުވި ޗިޓްގައި ވަނީ، 'ޗާރލީ_ތުއްތު' ކިޔާ ހޭންޑަލްއަކުން ހަޑިހުތުރު ބަސް ބޭނުން ކޮށް ބިރުވެރިކަން އުފެދޭ ގޮތަށް އެކްސްގައި ޕޯސްޓް ކޮށްފައި ވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި ސުވާލު ކުރަން ބޭނުންވާތީ ޑިސެމްބަރު 1، 2024 ވާ އާދީއްތަ ދުވަހުގެ 1:30 އަށް ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން އަންގާ ކަމަށެވެ.

ޝާފިއު އެކްގައި ކުރި ޕޯސްޓުގައި ހަޑިހުތުރު އިބާރާތެއް ބޭނުންކޮށް “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!” ލިޔެ އިންޒާރެއް ދީފައި ވެއެވެ. އެ އިންޒާރު ރައްދުވަނީ ސީދާ ކާކަށް ކަމެއް ނުލިޔެ ލިޔެފައި ވަނީ އެމްޑީޕީއާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތް ކޮށް ބޭނުން ކުރާ ސިޔާސީ ވަނަމެއް ކަމަށް ވާ 'ކައްޒާބު' އެވެ.

މި ކަމާ ގުޅިގެން އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން އެކްޓިވިސްޓުގެ ދިފާއުފައި އެކިއެކި ޕޯސްޓްތައް ކުރަމުން ދާ އިރު، އެމްޑީޕީގެ ސެއާޕާސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޕޯސްޓެއްގައި ވަނީ، 'ޓްވީޓު ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން ޝާފިއު (ތުއްތު) އަށް އަންގައިފި. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ. ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ." ކަމަށެވެ.

ފައްޔާޒަކީ އަންނަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައި ވާ ބޭފުޅަކަށް ވާ އިރު އެ ޓްވީޓަށް ރައްދު ދެއްވައި މިހާރުގެ ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، " މި ޕޯސްޓުގައި ލިޔެފައި މިއޮތީ “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!”މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް." ކަމަށެވެ. އަދި ފައްޔާރު ވެރިކަމަށް ނިކުމެވަޑައިގަންނަވަން އުޅުއްވާތީ އެކަމަށް ރައްދުވާގޮތަށް އިހްސާން އައްސަވާފައި ވަނީ "މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ހިޔާލުފާޅުކުރީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ؟" އެވެ.

އެއާއެކު އިތުރަށް ވިދާޅުވެފައި ވަނީ "ޔަގީނުންވެސް މިސަރުކާރުގަ އެއްވެސްބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ. ހަމައެއާއެކު ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފަ. ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޢައިރު ޒިންމާދާރު ކަމެއް." ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 1 އަހަރު ވީ އިރު، އިސްލާހީ ގިނަ ފިޔަވަޅުތަކެއް އަޅައި އަދި އަޅަމުން ދާކަން ފާހަގަ ކުރެވެއެވެ.