ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އެ އެޖެންސީގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ ގުޅޭ ފުރިހަމަ، މިނިވަން ތަހުގީގެއް ކުރުމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
އެންސްޕާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތަހުގީގެއް ހިންގުމަށް އެދި އޭސީސީއަށް ހުށަހަޅާފައި ވަނީ އެ އެޖެންސީގެ ސީއީއޯ ހީނާ ވަލީދުއެވެ.
އެންސްޕާއިން ބުނީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމާ ގުޅުންހުރި އެފަދަ މުއައްސަސާއަކާ ގުޅޭގޮތުންނާއި އަދި އެ މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ މިކަމާ ގުޅޭ ފުރިހަމަ، މިނިވަން ތަހުގީގެއް ވީ އެންމެ އަވަހަށް ހިންގައި ދިނުމަށް ފަހު ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އެދޭ ކަމަށެވެ.
އެންސްޕާއާ ބެހޭގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެންސްޕާ އިން ވަނީ ބުނެފައެވެ.
އެންސްޕާއިން ބުނީ އެ އެޖެންސީ ހިންގަން އިމާރާތެއް ހޯދުމަށް ކުރި މުއާމަލާތަކީ މާލީ ވުޒާރާ އަދި އެ އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާ އުސޫލުގެ ތެރެއިން ކުރެވިފައިވާ މުއާމަލާތެއް ކަމަށެވެ. އެއީ އެ އެޖެންސީ އަދި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތެއް ނޫން ކަމަށާއި އެއީ އާންމު މުއާމަލާތުގެ ގޮތުގައި ހާމަކަންބޮޑު ގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަން ހުރި މައުލޫމާތުތަކެއް ކަމަށް ވެސް އެންސްޕާއިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމާ ގުޅުން ހުރި މުއައްސަސާއަކާ ގުޅޭގޮތުން އަދި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ދިއުން އެންސްޕާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
އެންސްޕާއިން އެހެން ބުނެ ބަޔާން ނެރެ އަދި މައްސަލަ އޭސީސީއަށް ހުށަހެޅީ، އެންސްޕާ ހިންގަން ނެގި ބޮޑު 2 ފްލޯ ނަގާފައި ވަނީ، އެމްއެމްޓީވީ ހިންގަން ދާދި ފަހުން އުފެއްދި ކުންފުނި، 'މޯލްޑިވްސް މީޑިއާ ހައުސް' އިން ކުއްޔަށް ނެގި ބޮޑު 4 ފްލޯއެއްގެ ތެރެއިން 2 ފްލޯއެއް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނަގާފައި ވާތީ އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އާންމުން ފާޑުކިޔަން ފެށުމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ޓެންޑަ ބޯޑުގެ ޑޮކިއުމަންޓުން އެނގޭ ގޮތުގައި މ. ސީރާޒީގޭގައި އެންސްޕާ ހިންގަން އެވޯޑް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުއެވެ. ފަސް އަހަރު ދުވަހުގެ ކުއްޔަކީ 34.8 މިލިއަން ރުފިޔާކަން އެ ލިޔުމުން އެނގެން އޮވެއެވެ. އެންސްޕާ އަށް އެ އިމާރާތުން ދޫކުރީ 2 ފްލޯއެވެ.
އެ މުއާމަލާތުން އެނގެން އޮންނަ ގޮތުގައި، ފިނޭންސުން ކުއްޔަށް ހިފި މޯލްޑިވްސް މީޑިއާ ހައުސް އަކީ މިދިޔަ އަހަރުގެ މާޗް މަހު އުފަންކުރި ކުންފުންޏެވެ. މ. ސީރާޒީ ގެއަކީ އަމިއްލަ ފަރާތެއްގެ އިމާރާތެއް ކަމަށް ވާ އިރު އެ ކުންފުނިން ކުއްޔަށް ނެގި ފްލޯތަކެއް އެންސްޕާއިން ކުއްޔަށް ނެގުމަކީ މައްސަލައެއް ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.