އިޒްރޭލު ޕާސްޕޯޓު އޮންނަ ކޮންމެ މީހަކު ރާއްޖެ އެތެރެވުން މަނާކުރުމުގެ ބަދަލުގައި ތާއީދުކުރަނީ ހަމައެކަނި އިޒްރޭލުގެ ވެރިން ރާއްޖެ އެތެރެވުން މަނާކުރުމަށް ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް ބޭފުޅުން ހާޒިރުކޮށްފައިވަނީ އިޒްރޭލް މީހުން ރާއްޖެ އައުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހާޅާފައިވާ އިސްލާހަށް ހިޔާލު ހޯދުމަށެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ އިޒްރޭލުގައި އުސޫލުތައް އޮންނަ ގޮތުން ކޮންމެ ޔަހޫދީއަކަށް ވެސް އެ ޕާސްޕޯޓު ލިބޭ ކަމަށެވެ. އެހެންވެ ޔޫރަޕާއި އެމެރިކާގެ ގިނަ މީހުން އަތުގައި ވެސް އެ ޕާސްޕޯޓު އޮންނަކަން ފާހަގަކޮށް އަހުމަދު ވަހީދު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު އޮންނަ ކޮންމެ މީހަކަށް އަދި މުޅި އިޒްރޭލުގެ މައްޗަށް ޕާސްޕޯޓު މަނާ ކުރަން ތާއީދުނުކުރާކަމަށެވެ.

މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ނުރަނގަޅު އަސަރުތަކެއް ކުުރާނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ އިޒްރޭލު ސިފައިން ވެސް ނުހިމެނޭ ގޮތަށް، ހަމައެކަނި އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު މަނާކުރަން ތާއިދުކުރާކަމަށެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް އިމިގްރޭޝަނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ނިންމައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ދަނީ އެ މަސައްކަތް ކުރަމުންނެވެ.