މާލޭގައި ކުލަ ފާޓާތަކެއް އަރުވައިގެން ދިޔަ ޕިކަޕަކުން ކުލަ ފާޓާތައް މަގު މައްޗަށް ވެއްޓި މަގުގައި ކުލަލެވިއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިރޭގެ ވަގުތެއްގައި މާވެޔޮމަގާއި ކޯރުކެނޑި މަގާ ގުޅޭ ހިސާބުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުލަފާޓާތައް ވެއްޓުނީ ޕިކަޕް ޕޭމަންޓް މަތީގައި ޕާކް ކުރުމަށްފަހު ކުލަ ފާޓާތައް ބާލަން އުޅުމުގެ ތެރޭގައި އަރިއަޅާލުމާ ގުޅިގެންނެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަ ގޮތުގައި ބައެއް ފާޓާތައް ފަޅައިގެން ގޮސް މުޅި މަގުގައި ކުލަލެވި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށްވެސް ވަނީ ކުލަ އެޅިފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި މަގު ބަންދުކޮށް ކުލަ ފާޓާތައް ނަގާ މަގު ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުވެސް ވަނީ ކުލަ ފާޓާތަކެއް އަރުވައިގެން ހުޅުމާލެ އިން މާލެ އައި ޕިކަޕަކުން ކުލަ ފާޓާތައް މަގުމައްޗަށް ވެއްޓި މަގުގައި ކުލަލެވިފައެވެ. އެ ހާދިސާގައި އެ ޕިކަޕުން 40 ވަރަކަށް ކުލަ ފާޓާ މަގުމައްޗަށް ވެއްޓުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާ ވެފައިނުވާއިރު އެތަން ސާފުކޮށްފައިވަނީ އެމްއެންޑީއެފް އިންނެވެ.